ސްޕެއިންގެ މިޑްފީލްޑަރ ޑޭވިޑް ސިލްވާގެ ސޮއި ރެއާލް ސޮސިއެޑާޑުން ހޯދައިފިއެވެ. 

މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައި ނުވާތީ ސިލްވާގެ އެއްބަސްވުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުން އެޓީމު ކެޓުމާއެކު ނިމިފައެވެ.  

ސިލްވާ ހޯދުމަށް އިޓަލީގެ ލާޒިއޯއިން ވެސް ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ލާޒިއޯއިން ވަނީ އޭނާއަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް އޭނާ ނިންމީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ސޮސިއެޑާޑަށް ބަދަލުވުމަށެވެ. އެއީ އޭނާ އަމިއްލަ ގައުމުގައި ކުޅެން ބޭނުންވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މިދިޔަ ސީޒަނުގައި ސޮސިއެޑާޑުން ލަލީގާ ނިންމާލީ ހަވަނައިގައެވެ. އެޓީމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނު މާޓިން އޮޑެގާޑް ރެއާލް މެޑްރިޑާއި އަލުން ގުޅުމާއެކު އެޓީމުން އަންނަނީ އައު މިޑްފީލްޑަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސިލްވާ ވެގެންދާނީ އަންނަ ސީޒަނުގައި އެޓީމުގެ މިޑްފީލްޑްގެ މައި ތަނބަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ސިޓީގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި އޭނާ ވަނީ އެޓީމާއެކު 14 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އެގޮތުން ސިޓީއަށް އޭނާ 436 މެޗު ކުޅެދީފައިވާއިރު އެޓީމުން އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރި ކޮންމެ ސީޒަނެއްގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިދީފައެވެ. 

ކުރިޔަށް އޮތް ލަލީގާ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *