ބާސެލޯނާގެ ކޯޗަކަށް ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޯމަން ހަމަޖެއްސުމަށް ނިންމައިފިއެވެ. 

އޭނާ އެމަގާމަށް ހަމަޖައްސަން ނިންމާފައިވަނީ މިދިޔަ ސީޒަނުގެ މެދުތެރެއިން އެމަގާމާއި ހަވާލުވި ކީކޭ ސެޓިއެން އެމަގާމުން ވަކިކުރުމަށްފަހުއެވެ. ސެޓިއެން މަގާމުން ވަކިކޮށްފައިވަނީ ލަދުވެތި ގޮތަކަށް 8-2 ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުން އެޓީމު ކެޓުމާއި ގުޅިގެންނެވެ. 

އުމުރުން 61 އަހަރުގެ ސެޓިއެން ޖެނުއަރީ މަހު ބާސާގެ ކޯޗުގެ މަގާމާއި ހަވާލުވުމަށްފަހު އެޓީމަށް އިރުޝާދު ދީފައިވަނީ އެންމެ 25 މެޗުގައެވެ. ލަލީގާ މެދުކަނޑާލިއިރު އެއްވަނައިގައި ބާސާ އޮތް ނަމަވެސް އަލުން ލީގު ފެށުމަށްފަހު އެޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އެޓީމު ލީގު ނިންމާލީ ޗެމްޕިއަން ރެއާލް މެޑްރިޑަށްވުރެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮވެއެވެ. 

ރިޕޯޓްތައް ބުނާގޮތުން ބާސާއިން ކޯމަންއަށް ހުށަހަޅާނީ ދެއަހަރު ދުވަހުގެ އެއްބަސްވުމެކެވެ. 

ކޯމަން ކޯޗަކަށް ހަމަޖެއްސުމަށް ނިންމުމުގެ ކުރިން ބާސާއިން ވަނީ ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއާއެކު ވެސް މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ. 

ބާސާއިން ހާމަކޮށްފައިވާ ގޮތުގައި ސެޓިއެން ވަކިކޮށް އައު ކޯޗެއް ހަމަޖެއްސުމަކީ ކްލަބަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގޮތުން އެޅޭ ފުރަތަމަ ފިޔަވަޅެވެ. އެ ކްލަބުން ވަނީ އަންނަ އަހަރުގެ މާޗް 15 ވަނަ ދުވަހު ކްލަބްގެ އިންތިހާބު ބާއްވާނެކަން ވެސް އިއުލާންކޮށްފައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.