ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އާރުޑީސީ) އިން ދިވެހިންނަށް 300 ވަޒީފާ ޚާއްސަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު 'ޖަޒީރާ' އަށް ވިދާޅުވީ މުޅި ޖުމްލަ 300 ވަޒިފާގެ ދިވެހިންނަށް ޚާއްސަކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 250 ވަޒީފާ އަކީ މި ހަފްތާގައި އެ ކުންފުންނާއި ހަވާލު ކުރެވުނު މަޝްރޫއުތަކުން އުފެއްދޭ ވަޒީފާތަކެއް ކަމަށެވެ.
މި ހަފްތާގައި އެ ކުންފުންޏާއި ހަވާލުކުރެވުނު މަޝްރޫއުތައް:
- ރ. ހުޅުދުއްފާރުގެ މަގުތަކުގައި ތާރުއެޅުން
- މ. މުލަކުގެ މަގުތަކުގައި ތާރުއެޅުން
- ގދ. ތިނަދޫގެ މަގުތަކުގައި ތާރުއެޅުން
- ޅ. ހިންނަވަރުގެ މަގުތަކުގައި ތާރުއެޅުން
- މާލޭގެ ތިން ސަރަހައްދެއްގެ މަގުތައް އަލުން ހެދުން
މުލީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާއި ހަވާލުކުރީ 106,230,722.25 ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ހުޅުދުއްފާރުގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރީ 88,912,040.55 ރުފިޔާ އަށް، 390 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ހިންނަވަރުގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 122,048.704.17 ރުފިޔާ އަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަދި ތިނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކުރީ 78،800،871.14 ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މާލޭގެ ތިން ސަރަހައްދެއްގެ މަގުތައް އަލުން ހެދުމަށް ހަވާލުކުރެވުނު މަޝްރޫއުގެ ދަށުން ހެންވޭރު އުތުރު ސަރަޙައްދުގެ ބައެއް މަގުތަކާއި، މައްޗަންގޮޅި ދެކުނާއި މައްޗަންގޮޅި މެދު ސަރަޙައްދުގެ ބައެއް މަގުތައް ހަދާނެއެވެ.