Dr. Ahmed Abdulla Didi
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ -- ފޮޓޯ: އަވަސް

ޤައުމުގެ ހުރިހާ މުއައްސަސާތަކުގެ މެޖޯރިޓީ އަކީ ޖާހިލުން ކަމަށް ވުމުން، ހާލަތު ބަދަލުކުރުމަށް އުއްމަތުގެ މައްޗަށް ވާޖިބުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިއްޔެގެ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ނިޒާމީ ނުކުތާއެއް ނަންގަވާ ވާހަކަދައްކަވަމުން ދިޔައިރު، އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އަޑުގަދަކުރައްވަމުން ގެންދެވި ވީޑިއޯ އަކާއި ގުޅިގެންނެވެ. މި ވީޑިއޯ އާއްމުވުމާއި ގުޅިގެން ހަސަންޓޭ އަށް ވަނީ އާއްމުންގެ ފާޑުކިއުން އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން ޓްވީޓް ކުރައްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުގެ ގުނަވަންތައް ވަނީ ވައްކަމާއި ފަސާދަ އިން ކިލަނބުވެފައި ކަމަށެވެ. އަދި އަނިޔާގެ މައްސަލަތައް ވެސް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދައުލަތް ހިންގުމަށް ނުކުޅެދިފައި ކަމަށެވެ.

އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލައި، ރައްޔިތުންގެ އަގަތަށް މަތީގައި މަލަށް އެޅިއިރު، އެމަނިކުފާނަށް އެކަމުގައި މަދަދުވެރިވުމުގައި ހުންނެވި އުއްތަމަ ފަނޑިޔާރު އެވެ. އަބްދުﷲ ދީދީއަށް އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައިގެންނެވީވެސް ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރުއްވި އަމުރެއްގައި އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދު ޖަލަށް ލެއްވުމަށްފަހު އެވެ. އެމަނިކުފާނު ވަނީ މަޤާމުގެ ދަހިވެތިކަމުގައި އެންމެފަހު ވަގުތަށް ވެސް އުއްތަމަ ފަނޑިޔާރަކަށް ހުންނަވާ، މަޤާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާފަ އެވެ. މަގާމުން ވަކިކުރުމުން އަބްދުﷲ ދީދީ ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.