އެމްޑަބްލިޔުއެސްސީން ނ.ހެނބަދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ، ހެނބަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާގެ އިތުރުން ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރެވެ.

ފެން ކުންފުނިން ބުނީ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހެނބަދޫއަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތުގެ އިތުރުން ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.

ހެނބަދޫ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ގާއިމުކޮށްދިނުމަށް ހިންގާ މި މަޝްރޫއު އަކީ 41,360,972.01 ރުފިޔާއަށް 15 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

ފެން ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރ.އޯ ޕްލާންޓް ބެހެއްޓޭނެ ކަމަށެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުމުގެ އިތުރުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.