ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

ޖިންސީ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ދައުލަތަށް ނޭނގޭތީ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ނެރުމުން އޭނާ ވަނީ ގައުމުން ބޭރަށް ފުރާފައެވެ. ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ. އަދި މި އަމުރު ވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ހައިކޯޓްގައި އިސްތިއުނާފްކޮށްފައެވެ.

އިސްތިއުނާފަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ޗިޓް ހަވާލުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ހައިކޯޓުން އެންގީ އިއްޔެގެ 14:00 ގެ ކުރިން އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދުމަށްފަހު ކޯޓަށް އެންގުމަށެވެ. ނަމަވެސް ދައުލަތަށް އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް އެ މުއްދަތުގެ ތެރޭގައި ހޯދިފައެއް ނުވެއެވެ.

އެހެންވެ ހައިކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލައިފަ އެވެ. ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ އަލީ އުޅުއްވާ އެޑްރެހެއް އެނގުމުން އަލުން އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕީޖީ އޮފީހަށް ލިބޭގޮތަށެވެ.

ޕިޖީ އޮފީހުން ބުނީ 4 މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި، ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަލީ ވަހީދުގެ ޝަރީއަތް ކުރިޔަށް ދަނިކޮށް، އޭނާ ބޭސް ފަރުވާ އަށް ބޭރަށް ''ފުރުވާލި'' އިރު ބަދަލުގައި ޖާމިނުވެފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.