ހެލްތު މިނިސްޓްރީގެ އޮޑިޓާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގު ނިމެންދެން މަސައްކަތުން އަމިއްލައަށް އެކަހެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނިންމަވައިފިއެވެ.

މިއަދު މިނިސްޓަރު އަމީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމެންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން މަސައްކަތްތަކުން އެކަހެރިވުމަށް ގަސްދުކުރައްވާ ކަމަށެވެ. 

އަމީން މިހެން ނިންމަވާފައިމިވަނީ އޮޑިޓް ރިޕޯޓްގައިވާ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ތަހުގީގު ކުރުމަށް ރައީސް ސޯލިހު އަންގަވާފައިވަނިކޮށެވެ. 

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްއަކީ ރައީސް ސޯލިހު ގެންގުޅުއްވާ އެންމެ މުހިންމު ސިޔާސަތެވެ.

ހެލްތު މިނިސްޓްރީއިން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްފައިވަނީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެއީ 34 މިލިއަން ރުފިޔާއަށެވެ. އެ ކުންފުންޏަށް ސަރުކާރުން އެޑްވާންސްކޮށް ވެސް ފައިސާ ދީފައިވެއެވެ.

މި އެއްބަސްވުމާމެދު ސުވާލުތައް އުފައްދާފައިވަނިކޮށް މިއަދު އާންމުކުރި އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިކަމުގައި ބޮޑެތި އޮޅުވާލުންތަކެއްވެއެވެ. އަދި އެ ކުންފުންޏާ އެ ވެންޓިލޭޓަރުންތައް ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާއާއެކު ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏަކީ ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލްކަން ނެތް ކުންފުންޏެކެވެ. އެ ކުންފުނިން ހުށަހެޅި ލިޔުންތަކާއި އެ ކުންފުނީގެ ހާލަތު މިނިސްޓްރީއިން ރަނގަޅަށް ބަލާފައި ނެތް ކަމަށެވެ. ކުންފުނީގެ ވެބްސައިޓެއް ވެސް ނެތްކަން ފާހަގަކޮށްފައިވެއެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ބިޑާ ނުލާ ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހެލްތު މިނިސްޓްރީއިން ހޯދިއެވެ. އެ ހުއްދަ ދިނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއިން އެކަން ބަލާ ގޮތަށެވެ. ކުންފުންޏާ އެކަން ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއިން ވެސް ކުންފުނީގެ ގާބިލްކަން ބަލާފައިނެތް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީއިން ބިޑް ކުރުމެއް ނެތި ދުބާއީ ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ބުނެފައިވެއެވެ. ނަމަވެސް އޮޑިޓް ރިޕޯޓްގައި ވަނީ އެއީ ހަގީގަތެއް ނޫންކަން ޑަބްލިއުއެޗްއޯއާ ހަވާލާދީ ބުނެފައެވެ.

އެ ކުންފުންޏާއެކު ޑަބްލިއުއެޗްއޯއިން އެއްވެސް އިރެއްގައި ވިޔާފާރީގެ މުއާމަލާތެއް ހިންގާފައިނުވާއިރު ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް ވެސް ޑަބްލިއުއެޗްއޯއިން މިނިސްޓްރީއަށް އެއްވެސް އިރެއްގައި ދީފައިނުވާ ކަމަށް އޮޑިޓްގައިވެއެވެ.

އޮޑިޓްގައި ބުނި ގޮތުގައި ކުންފުނިން ވަނީ ގުދަނުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް ބުނެ އޮޅުވާލާފައެވެ. ދެ ހަފުތާ ތެރޭގައި ވެންޓިލޭޓަރުތައް ހަވާލުކުރުމަށް އެއްބަސްވީ ނަމަވެސް ހަތަރު މަސްވީއިރު ވެސް ހަވާލެއް ނުކުރެވުނެވެ. އޭރު އެ ކުންފުންޏަށް އެއްވެސް ގެރެންޓީއަކާ ނުލާ 90 ޕަސެންޓް ފައިސާ ވެސް އޮތީ ދޫކޮށްފައެވެ. އެއީ 30 މިލިއަން ރުފިޔާއެވެ. އެ ފައިސާ ދޫކޮށްފައިވަނީ ވެސް މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

އެއްބަސްވީ ތާރީހަށްވުރެ މާ ފަހުން ގެނައި ވެންޓިލޭޓަރުތަކަކީ އެއްބަސްވި ފަދަ ކޮލިޓީއަށްވުރެ ފެންވަރު ދަށް ވެންޓިލޭޓަރުތަކެއް ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. އެ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނޭރުން ހިމެނޭ ޓީމަކުން އެކުލަވާލި ރިޕޯޓެއްގައި ވެސް ފާހަގަކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *