ކޫއްޑޫ - ވިލިނގިލި ކަނޑު އަޑީގެ ޓަނަލް 3ޑީ ރެންޑަރ --

ގއ. ވިލިނގިލި އާއި ކޫއްޑޫ ކަނޑު އަޑީގެ ޓަނަލް އަކުން ގުޅާލުމުގެ ތަސައްވަރެއް ގެންގުޅުއްވާ ކަމަށް ގއ. އަތޮޅު ރައީސް ކަމަށް ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ފުއާދު ވިދާޅުވެއްޖެއެވެ.

ވިލިނގިލި އާއި ކޫއްޑޫ ގުޅުވާލާނެކަމަށް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިހުއެވެ. އެގޮތުން، 2018 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިލިނގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޞާލިހު ވަނީ، އެކަމަށް މާ ބޮޑު ހަރަދެއް ނުހިނގާނެ ކަމަށާއިި، އެމްޑީޕީގެ ވެރިކަމެއްގައި އެކަން ކުރެވޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރައީސް އޭރު ވައުދުވިގޮތަށް، ކޫއްޑޫ އާއި ވިލިނގިލި ގުޅުވާލުމަށް މަސައްކަތްކުރައްވާނެ ކަމަށް މިފަހަރު ވައުދުވެވަޑައިގެންނެވީ ގއ. އަތޮޅުގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް އަހުމަދު ފުއާދުއެވެ.

އެގޮތުން، އަހުމަދު ފުއާދު ވިދާޅުވީ، މި ދެ ރަށް ގުޅާލުމަށް ބޭނުންވަނީ ކަނޑު އަޑީގެ ޓަނަލްއެއް ކަމަށެވެ. ކޯސްވޭ ނުވަތަ ބްރިޖެއްގެ ބަދަލުގައި ކަނޑު އަޑީގެ ޓަނަލް އަކުން ގުޅާލުމުން މި ދެ ރަށް ދޭތެރޭގައި އޮތް ކަނޑު އޮޅިވެސް ރައްކާތެރި ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކޫއްޑޫއަށް އަންނަ ބޯޓުތައް ފަސޭހައިން ގާތް ކުރެވޭނެ މަގެއް އޮންނަން އެބަޖެހޭ.

އެ އަތޮޅަކީ މަސްވެރި އަތޮޅެއް ކަމަށާއި، ކޫއްޑޫއަށް އަންނަ ބޯޓުތަކަށް ފަސޭހައިން ކުރު ރާސްތާއަކުން ދެވޭނެ މަގެއް އޮންނަން ޖެހޭ ކަމަށް ފުއާދު ވިދާޅުވިއެވެ. ކަނޑު އަޑީގެ ޓަނަލްއެއްގެ ސަބަބުން މިކަމަށް ހުރަހެއް ނޯންނާނެއެވެ.

އިތުރަށް ފުއާދު ވިދާޅުވީ، މި ސަރަހައްދަކީ ގިނަ އަދަދެއްގެ މިޔަރު ޖަމާވާ ސަރަހައްދެއް ކަމަށާއި، ކަނޑު އަޑީގެ ޓަނަލްއެއް ގާއިމް ކުރެވިއްޖެ ނަމަ އެ މަންޒަރު ބަލާލަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަންވެސް އެ ސަރަހައްދުގައި ކުރިއަރައިގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ނިސްބަތުން ޓޫރިޒަމްގެ މުހިންމު ޑެސްޓިނޭޝަނަކަށް މި ސަރަހައްދު ވެގެންދާނެ

ކޫއްޑޫ އާއި ވިލިނގިލި ކަނޑު އަޑީގެ ޓަނަލްއަކުން ގުޅާލުމާއި ގުޅޭ ގޮތުން ޕްރޮފެސަރ އުގެއިލް ދެކިލައްވާގޮތްވެސް ފުއާދު ވަނީ ހިއްސާކޮށްފައެވެ. ޕްރޮފެސަރ އުގެއިލް ވިދާޅުވީ، އެއީ ކުރެވިދާނެ ކަމެއްކަމަށާއި ދުނިޔޭގެ އެހެން ހިސާބު ތަކުގައިވެސް އެކަން ކޮށްފައި އެބަހުރި ކަމަށެވެ. އެއީ ޓެކްނިކަލީ އުނދަގޫ ކަމެއް ނޫން ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ.

0
2
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.