ހުޅުމާލޭގައި އަރބަން ފާމިންގ މަޝްރޫޢުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ޕްލޮޓްތައް -- ފޮޓޯ: އެޗްޑީސީ

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ޔޫއެންޑީޕީ ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދާ 'އަރބަން ފާމިންގ' މަޝްރޫއުއާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

'އަރބަން ފާމިންގ' މަޝްރޫއުއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ހުސްކޮށް ދޫ ކޮށްލައިފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ދިރުއުޅޭ
ފަރާތްތަތަކަށް ހުޅުވާލި ފުރުޞަތުގައި 48 ފަރާތެއް ހޮވާލެވިފައިވެއެވެ.

މިއަދު އޮންލައިން ވެބިނަރއެއްގެ ގޮތުގައި ބޭއްވުނު ޓްރެއިނިންގ ސެޝަންގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ޙާއްސަ ސަފީރު ކެއިކޯ ޔަނައި އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރިޕްރެސެންޓޭޓިވް އަކިކޯ ފުޖީ ވަނީ ބައިވެރިވެވަޑައިގަންފައިވެއެވެ.

އެޗްޑީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރިކޮށް، މުޖްތަމަޢުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކާއި، ކޯވިޑް-19 ޢާލަމީވަބާގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.

މިއަދު ބޭއްވުނު ސެޝަންގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފްގެ އިތުރުން މިނިސްޓަރ ޒަހާވެސް ވާހަކަފުޅުދެއްކެވިއެވެ. އާތިފްގެ ވާހަކައިގައި މި ޓްރެއިނިންގ ސެޝަންގެ ސަބަބުން ގަސް އިންދާ ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ދަސްވެ ދަނޑުވެރިކަމުގެ ރޫޙު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޒަހާގެ ވާހަކައިގައި މިފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުންކުރައްވާ، ހުޅުމާލޭގައި ފެށިގެން މިދިއަ މަޝްރޫޢު އަކީ ކާމިޔާބު ނަމޫނާ މަޝްރޫޢުއަކަށް ހެދުމަށް ބައިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

'އަރބަން ފާމިންގ' މަޝްރޫއުގެ ދަށުން 16 ޕްލެޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލޮޓްތަކަށް ފުރަތަމަ ތިން މަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށާއި އަދި އެކަށީގެންވާ އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.