ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ ބަލިކޮށް ކްލަބް އީގަލްސްއިން އޭއެފްސީ ކަޕް ޕްރިލިމިނަރީ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ތިމްޕޫގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީ ކޮޅު އީގަލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މުހައްމަދު ނާއިމްގެ އެހީތެރިކަމާއިއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ)އެވެ. އެކަމަކު މި ލަނޑަށްފަހު އީގަލްސްގެ ފަރާތުންވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން ތިމްޕޫގެ ޔެޝީ ދޯޖީ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ އީގަލްސްގެ ކީޕަރު މުހައްމަދު ތޯހާ މަތަކުރިއިރު އޭގެ ފަހުން ތިމްޕޫގެ ދަވާ ޝެރިން ނެގި ކޯނަރު އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު މެޗުގެ 89 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނާއިމެވެ.

މެޗަށްފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗަށް ނުކުތްއިރުވެސް ތިމްޕޫއަކީ ފަސޭހަ ޓީމެއް ނޫންކަން އެނގޭ ކަމަށާއި. އެހެންވެ މެޗަށް ނުކުތީ މޮޅެއް ހޯދުމަށް ކަމަށެވެ. އަދި މެޗުން 2-0ގެ ނަތީޖާއަކުން މޮޅުވެވުމުން އެކަމާއި ހިތްހަމަ ޖެހޭ ކަމަށް ޝާޒް ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ތިމްޕޫ ސިޓީގެ ކޯޗު ނަވަން ދެންޑަޕް ބުނީ މިއީ އުނދަގޫ މެޗެއް ކަމަށާއި، މެޗަށް ނުކުތްއިރުވެސް ބަލިވާނެކަން އެނގޭ ކަމަށެވެ. އެކަމަކު އީގަލްސް މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.

މިނަތީޖާއާއިއެކު ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.