ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ --

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއު އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މެއި މަހު ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގައި އަމަލުކުރާނެ އުސޫލާއި މާކްސް ދޭ އުސޫލު މިއަދު އާއްމު ކުރައްވާނެ ކަމަށެވެ. އަދި މި މަޝްރޫއުއަށް ކުރިމަތިލުމަށް މެއި މަހު ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. މިއީ މާލޭގެ ރައްވެހިންނަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއު އެކެވެ.

އެހެންމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މެއި މަހުގެ ތެރޭގައި ރައްޔިތުންގެ އެޕްލިކޭޝަންތަކަށް.. އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާނަން.

އަސްލަމް ވިދާޅުވީ މިނިސްޓްރީން ހެދި ހައުސިންގ ނީޑް އެސެސްމެންޓުން އެނގުނު ގޮތުގައި މިވަގުތު މާލޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ 7500 އާއިލާ ދިރިއުޅެއެވެ. އަދި މި މަޝްރުއުގެ އެންމެ ބޮޑު 'ފޯކަސް' ވެސް އޮތީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށްވާއިރު 600 އަކަ ފޫޓު ހަމަނުވާ ތަނެއްގައި ދިރިއުޅޭ ނަމަ، އެއީ ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށެވެ.

އެޕްލިކޭޝަން އަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުން 15 އަހަރުވަންދެން މާލޭގެ ރައްވެއްސެސަކަށް ވެފައި، އޭނާގެ އަމިއްލަ ނަމުގައި 600 އަކަފޫޓުގެ ދިރިއުޅޭނެ ތަނެއް ނެތް މީހަކަށް ވާނަމަ، ހައުސިންގ ޔުނިޓަކަށް އެލިޖެބްލް ވާނެ އެވެ. ދެން ބަލާނީ މިހާރު ދިރިއުޅުމުގެ ހާލަތަށާއި، އާއިލާގެ ކުޑަ ބޮޑު މިނަށެވެ. މި މަޝްރޫއު އިން ހައުސިން ދިނުމުގައި އިސްކަން ދޭނީ 75 މާކްސް އަށް ވުރެ މަތިން ލިބޭ ފަރާތްތަކަށެވެ.

އަތްފޯރާ އަގުގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދާއެކު ވެރިކަމަށް އައި މި ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުން ކޮންމެ އާއިލާއަކަށްވެސް ތާހިރު ދިރިއުޅުމެއް ބިނާކުރެވޭނެ ފަދަ ވެއްޓެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފާއިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލު ކުރެވިފައިވާ މައްސަލައެއް ނޫނެވެ. މިއީ މާލޭގެ ރައްޔިތުންގެ އިތުރުން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނާއި ގުޅިފައިވާ މައްސަލައަކަށް ވާއިރު، މިކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.