ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުން ޕޭމެންޓް ނުދައްކާނަމަ، އެންމެ ބޮޑު އަގަކަށް ދައްކަން ޖެހޭނީ މަހަކު 7500 ރުފިޔާ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ފްލެޓުތަކުގެ ޑައުން ޕޭމަންޓް ނުދައްކާނަމަ، އެންމެ ބޮޑު އަގަކަށް ދައްކަން ޖެހޭނީ 7500 ރުފިޔާ ކަމަށާއި އެއީ 25 އަހަރުގެ މުއްދަތަކަށް ކަމަށެވެ.
އެންމެ ބޮޑު ވަރުވެގެން ދައްކަން ޖެހޭނީ 7500 ރުފިޔާ، އެއީ ޑައުންޕޭމެންޓެއް ނުދައްކާ
ޑައުންޕޭމެންޓް ދައްކައިގެން ކުރިއަށްދާ ފަރާތްތަކަށް ދެ 'އޮޕްޝަނެއް' ދިނުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން ކުރަމުންދާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ފަރާތްތަކުން ދައްކަން ޖެހޭ އަދަދު 7500 ރުފިޔާއަށް ވުރެ ކުޑަވާނެ ކަމަށެވެ. އެހެންނަމަވެސް، އެއީ ކޮން އަގެއް ކަމެއް އަސްލަމް ވިދާޅެއް ނުވެއެވެ.
އަސްލަމް ވިދާޅުވީ 7500 ރުފިޔާއަކީ ފްލެޓުތައް އެޅުމަށް ދިޔަ ހަރަދާއި އަޅާބަލާއިރު ކުޑަ އަދަދެއް ކަމަށާއި އޭގެ ސަބަބުން އެޗްޑީސީއަށް 'ބަރޑެން' ބޮޑުވާނެ ކަމަށެވެ. ހުރިހާ ހަރަދަކާއި އެކު ފްލެޓުތަކުގެ އަސްލު އަގަކީ މަހަކު 11،000 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ގުރުއަތު ނެގުމަށްފަހު، ގުރުން ހޮވޭ ފަރާތްތަކާއި އެކު އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށާއި އެއަށްފަހު އެތަނަށް ވަނުމަށް ތިން މަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ.