ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަދި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަތުން 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ރެއާލް މޮޅުވިއިރު، އަނިޔާގެ ސަބަބުން ތަޖުރިބާކާރު ޑިފެންޑަރު އަދި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުޅެފައެއް ނުވެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެ އިތުބާރު ޑިފެންޑަރު ރަފައެލް ވަރާން ކުޅެފައެއް ނުވެއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ލިވަޕޫލުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިޑްފިލްޑަރު ޓޯނީ ކްރޫސްގެ އެހީތެރިކަމާއިއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ވިނީޝިއުސް ޖޫނިއާއެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިއީ ލިވަޕޫލްގެ ޑިފެންޑަރު އެލެކްސަންޑަރ އާނޯލްޑް ހެދި ގޯހެއްގެ ފައިދާ ނަގައި މާކޯ އެސެންސިއޯ ކާމިޔާބުކުރި ލަނޑެކެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން މެޗުގެ ކޮންޓްރޯލް ނަގައި ރެއާލްގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 51 ވަނަ މިނެޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ތަޖުރިބާކާރު މިޑްފިލްޑަރ ލޫކާ މޮޑްރިޗްގެ އެހީތެރިކަމާއިއެކު މި ލަނޑު ވެސް ރެއާލްއަށް ކާމިޔާބު ކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ މެންޗެސްޓަރ ސިޓީ އަދި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކުރި 2-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފައިވަނީ ސިޓީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ބެލްޖިއަމްގެ ހުނަރުވެރި މިޑްފިލްޑަރ ކެވިން ޑި ބްރޭނާއެވެ. މިއީ ރިޔާޒް މަހްރޭޒްގެ އެހީތެރިކަމާއިއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޑޯޓްމުންޑުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން މާކޯ ރެއުސްއެވެ. މި މެޗުން އެއްވަރުވާން ދަނިކޮށް ސިޓީ މޮޅުކޮށްދިން ލަނޑު ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ މިޑްފިލްޑަރ ފިލް ފޯޑެންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.