އޭއެފްސީ ކަޕްގައި އީގަލްސް އަދި ތިމްޕޫ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޭއެފްސީ ކަޕަށް އީގަލްސް އައު ވިޔަސް އެޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އީގަލްސްގެ ކޯޗު ޝާޒް ބުނީ ލީގު މެދުކަނޑާލާ، އެ ދިމާވި ކަންކަމާއިއެމެދު އީގަލްސްއިން މިހާރު ނުވިސްނާ ކަމަށާއި އީގަލްސްގެ މިހާރުގެ އަމާޒަކީ އޭއެފްސީ ކަޕް ކޮލިފައިންގ ކަމަށާއި، ކުރިޔަށް އޮތް މެޗަށް އީގަލްސްއިން އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ޝާޒް އިތުރަށް ބުނީ މިފަދަ މެޗުތަކާއި ކުރިމަތިލާއިރު ރަނގަޅު ބިދޭސީ ކުޅުންތެރިން ޓީމުގައި ތިބުމަކީ ލިބޭނެ ފައިދާއެއް ކަމަށާއި، އީގަލްސްގައި މިހާރު ތިބި ބިދޭސީ ކުޅުންތެރިންނާއި މެދު އިތުބާރު އެބައޮތް ކަމަށެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިންނާ ކުރިމަތިލާއިރު، އީގަލްސްއިން ވަނީ ޓީމު ވަރުގަދަކުރުމުގެ ގޮތުން މިދިޔަ ޓްރާންސްފާގައި ބައެއް ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން ލުބުނާނުގެ ޒުވާން ގައުމީ ޓީމަށް ކުޅެފައިވާ ގޯލްކީޕަރު މުހައްމަދު ތޯހާ އާއި، ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދުގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އީގަލްސްއާ ގުޅިފައެވެ.

މި މެޗުގެ ކުރިން ވާހަކަދައްކަމުން އީގަލްސްގެ ކެޕްޓަން ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) ބުނީ މިއީ އީގަލްސްގެ ތާރީހުގައި ހާއްސަ މެޗެއް ކަމަށް ވެގެންދާނެ ކަމަށެވެ. އަދި މެޗަށް ނުކުންނައިރު ކުޅުންތެރިންގެ ފޯކަސް ހުރީ މެޗުން މޮޅުވުމަށް ކަމަށާއި، އީގަލްސްއިން އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

މި ފަހަރުގެ ކޮލިފައިންގައި ތިމްޕޫއާ ދެކޮޅަށް އީގަލްސް ނުކުންނައިރު، އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުޞަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.