ކެމްޕެއިންގެ ވާހަކަތަކާއި އެކު މުޅި ތަޅުން ހަލަބޮލި

މިއަދުގެ މަޖިލިސް: ވޯޓުގެ ވާހަކައާއި އެކު މުޅި ތަޅުން ހަލަބޮލިވި -- ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ)

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ބާއްވާ ފަހު ޖަލްސާއެވެ. މިއަދުގެ ޖަލްސާގައި 'އެކި އެކި ލިޔުންތަކުގައި ރިވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު' އުވާލުމުގެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު، މެމްބަރުންގެ ވާހަކަތަކުގެ މިސްރާބު ހުރީ އެހެން ދިމާލަކަށެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު ކޯލިޝަންގެ މެމްބަރުންވެސް ދެއްކެވީ އެ މެމްބަރުން ނިސްބަތްބާ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ވާހަކައެވެ. އެހެންގޮތަކަށް ބުނާނަމަ، މިއަދުގެ ޖަލްސާގައި މެމްބަރުން އުޅުއްވީ ކެމްޕެއިންގައެވެ. މި ބަހުސްގެ ތެރެއިން މެމްބަރުން ޖަޒުބާތުގައި ޖެހިވަޑައިގެން އަޑުގަދަކުރެއްވި މަންޒަރުވެސް ފެނިގެން ދިޔައެވެ.

މަޖިލީހުގެ ތަޅުން ހަލަބޮލިވެގެންދިޔައީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވާހަކަދައްކަވަން ފެއްޓެވުމުންނެވެ. އެގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވީ އެމްޑީޕީއަށް ވެރިކަން ހަވާލުކޮށް، މަޖިލީހުގެ މެޖޯރިޓީ ދިނުމުންވެސް ކަންކަން އިސްލާހު ނުވާކަމެވެ. އެގޮތުން ޖުޑިޝަރީ ކޮންޓްރޯލްކޮށް، ޕޮލިސް ބޯޑުގެ ކޮންޓްރޯލް ވެސް އެމްޑީޕީން ނަގާފައިވާ ކަމަށެވެ.

މިހެން ވިދާޅުވުމާއި އެކު އެމްޑީޕީ މެމްބަރުން ފެއްޓެވީ ނިޒާމީ ނުކުތާ ނަންގަވާށެވެ. ނިޒާމީ ނުކުތާ ނަންގަވާ ވާހަކަދައްކަވަމުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ އިދިކޮޅުގެ 7 އަހަރުގެ ވެރިކަމުގައި ވެސް ދައުލަތުގެ ގުނަވަންތައް އޮތީ ޕީޕީއެމް އަށް ދީފައި ކަމަށާއި، ސައީދު ފާހަގަކުރެއްވި ހުރިހާ ކަމެއް އެ ވެރިކަމުގައި ވެސް ކުރި ކަމަށެވެ. އަދި އެކަންކަމާއި މެދު ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށެވެ.

ނިޒާމީ ނުކުތާއަށްފަހު ވާހަކަ ކުރިއަށް ގެންދަވަމުން ސައީދު ވިދާޅުވީ ކައުންސިލް އިންތިހާބު ބޯމަތިވެފައިވާއިރު، މިއަދު ގައުމު އޮތް ހާލަތު މިނެކިރާ ގޮތާއިމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މިހާރު ވައްކަމާއި ކޮރަޕްޝަން ވެސް ހިންގަމުންދަނީ އެމްޑީޕީން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ސަރުކާރު ހިންގަނީ ގޯހުން ކަމަށް ރައްޔިތުންގެ މަޖިލިސް މުހައްމަދު ނަޝީދު ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މިހެން ވިދާޅުވުމާއިއެކު ދޮންބިލެތް ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީވެސް ކުރާނީ އެމްޑީޕީން ކަމަށާއި އެވާހަކަތައް ދައްކާނީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ކަމަށެވެ. އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެށުމުން ސައީދުގެ ވާހަކަ ތަކުރާރުކޮށް މެދުކަނޑާލަން ޖެހުނެވެ. މިކަމާ ގުޅޭގޮތުން އޭނާ ނުރުހުން ވެސް ފާޅުކުރެއްވިއެވެ. އަދި ރާއްޖެއަށް ތަރައްގީ ގެނައީ ރައީސް ޔާމީން ކަމަށް ވިދާޅުވާން ފެށުމުން އެމްޑީޕީ މެމްބަރުން ތަޅުމުގައި އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.

ސައީދަށް ފަހު ދެން ވާހަކަދެއްކެވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާގެ ވާހަކައިގައި މި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސް އަޅަނީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފްގެ ކޮއްކޯފުޅު ކަމަށް ވިދާޅުވުމުން އާދަމް ޝަރީފް ނިޒާމީ ނުކުތާ ނަންގަވާ އެވާހަކަ ދޮގުކުރެއްވިއެވެ. ދެން ފެނުނީ ތަޅުން ހޫނުވި މަންޒަރެވެ. އާދަމް ޝަރީފް ވާހަކަ ދައްކަވަނިކޮށް، ހަސަން އަހުމަދު ފެއްޓެވީ "ނިޒާމީ ނުކުތާއެއް ނަގާބަލަ!" މިހެން ވިދާޅުވެ އަޑުގަދަ ކުރައްވާށެވެ.

އާދަމް ޝަރީފްގެ ނިޒާމީ ނުކުތާ އެކު ތަޅުން ހޫނުވި

އެއާއިއެކު މެމްބަރު އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ލައިވް ފީޑަށް ބުރޫއަރަމުންދާ ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރިޔާސަތުގެ ސަމާލު ކަމަށް އެކަން ގެންނެވިއެވެ. އެހެންވެ، މެމްބަރުން ޖަޒުބާތުގައި ޖެހިވަޑައިގެންވެސް، މަޖިލީހުގެ ލައިވް ފީޑަށް ބުރޫއަރާގޮތަށް ވާހަކަ ނުދެއްކެވުމަށް މަޖިލީހުގެ ރައީސް އިލްތިމާސްކުރެއްވިއެވެ.

މިއަދުގެ ބަހުސްގައި އެމްޑީޕީ މެމްބަރުންގެ ވާހަކަތަކުގައި ފާހަގަކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކުރިމަތިކުރުވި ކަންތައްތަކުގެ ވާހަކަތަކެވެ. އެގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލާ، ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައިގެން ޕީޕީއެމްގެ ޖަލްސާތަކަށް ގެންދިޔަ ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް، ރައްޔިތުންގެ ހެވާ ލާބަޔަށް ކަންކަން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބެއް ބޯމަތިވެފައިވާއިރު ޔާމީނުގެ ވެރިކަމުގެ 'ހިތި މާޒީ'ގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ.

0
0
0
1
0

ކޮމެންޓް

Your email address will not be published.

0 %