ބޮޑު އިންތިޚާބުގައި ވޯޓުލާން ޝައުގެއް ނެތް

އޭޕްރީލް 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ޓާންއައުޓް އާދަޔާ ހިލާފަށް ދައްވެދާނެ ކަމަށް ބެލެވޭ -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ) | ޖަޒީރާ

އެތައް ފަހަރެއްގެ މަތިން ފަސް ކުރެވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އެންމެ ފަހުން މި ބާއްވަނީ މި ހޮނިހިރު ދުވަހުއެވެ. މި އިންތިހާބުގައި 273،128 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު އޭގެތެރެއިން 5134 ފަރާތަކީ އަލަށް 18 އަހަރު ފުރޭ މީހުންނެވެ.

އެހެންނަމަވެސް، މީގެތެރެއިން މިފަހަރު އިންތިހާބުގައި ވޯޓުލާން ދާނީ ކިތައް މީހުން ކަމާއި މެދު ސުވާލު އުފެދެއެވެ. މިހާތަނަށް ބޭއްވުނު އިންތިހާބުތަކާއި އަޅާބަލާއިރު، މި އިންތިހާބަށް ވޯޓު ދިނުމަށް ފޯރިއެއް ހަމަ ނެތީއެވެ. މި ސަރުކާރު އައިސް، ކައުންސިލްތަކަށް ބާރުތައް ދިން ނަމަވެސް، މި އިންތިހާބަށް އާއްމުންގެ މެދުގައި އޮތް ތަރުހީބު ކުޑައެވެ.

އެންމެ ފުރަތަމަ މި އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައީއެވެ. އެހެން ތިއްބާ އެއް އަހަރު ފާއިތުވެގެން ދިޔައީއެވެ.

އެއާއި އެކު މި އިންތިހާބު ބޭއްވިދާނެކަމާއި މެދު އެތައް ސުވާލުތަކެއް އުފެދިގެންދިޔައެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު އިންތިހާބު ބާއްވާ ތާރީހެއްގެ ގޮތުގައި އޭޕްރިލް މަހުގެ 10 ވަނަ ދުވަސް ކަނޑައެޅިގެންދިޔައިރު، އިންތިހާބަށް ގިނަ ބައެއްގެ ޝައުގުވެރިކަން ގެއްލިއްޖެއެވެ. ނުވިތާކަށް، އިންތިހާބަށް ކުރިމަތިލި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފިއެވެ.

އިންތިހާބު ބޭއްވުން ލަސްވެ، އެތައް މަސްތަކެއް ވެގެންދިއުމުން 300 އަށް ވުރެ ގިނަ ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފިއެވެ. އޭގެ ތެރެއިން އެތައް ބަޔަކު ވޯޓު ދޭން ބޭނުންވި ކެންޑިޑޭޓުންވެސް ހިމެނެއެވެ. ވޯޓު ކަރުދާހުން ވޯޓު ދޭން ބޭނުންވާ ކެންޑިޑޭޓު ފެންނަން ނެތިއްޔާ، ވޯޓު ލާން ދިއުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް އެމީހުން ބުނެއެވެ.

އަނެއް ބައި މީހުން ސުވާލު އުފައްދަމުންދަނީ ކޮވިޑުގެ މި ހާލަތުގައި މީހުން އެއްތަނަކަށް ޖަމާވެ އުޅެވޭ ގޮތަށް އިންތިހާބެއް ބާއްވައިގެން ރައްކާތެރިކަން ކަށަވަރުކުރެވޭނީ ކިހިނެއްތޯއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މިއީ އިންތިހާބެއް ބާއްވަން އެންމެ އެދެވޭ ވަގުތެއް ނޫނެވެ.

ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ފަސް ކުރެވުނު އިންތިހާބު، އެތައް ދުވަހެއްގެ އިންތިޒާރަށްފަހު މި ބާއްވަނީ ކަމާއި ބެހޭ އިދާރާތަކުގެ އިރުޝާދާއި ލަފާގެ މަތިންނެވެ. އެހެންނަމަވެސް ސިއްހީ މާހިރުންގެ ލަފާގެ މަތިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ހުރިހާ ވަގުތެއްގައިވެސް ގައިދުރުކަން ބަހައްޓައިގެން އެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމާއި މެދު އާއްމުންގެ ކަންބޮޑުވުން އެބަހުއްޓެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ކޭސް ރިޕޯޓު ކުރަމުން އަންނައިރު، ރައްކާތެރިވުމަށް، ވޯޓު ލާން ނުދިއުމަކީ މާ ރަނގަޅު ގޮތެއް ކަމަށް އެމީހުން ދެކެއެވެ.

މިއީ މިފަހަރުގެ އިންތިހާބަށް ވޯޓު ލާން ދާން އާއްމުންގެ ޝައުގުވެރިކަން ކުޑަވި ބައެއް ސަބަބުތަކެވެ. ސޯޝަލް މީޑިއާއަށް ބަލާލުމުންވެސް އިންތިހާބަށް އޮތް ތަރުހީބު ޖުމްލަ ގޮތެއްގައި ކުޑައެވެ. ހާއްސަގޮތެއްގައި ޒުވާނުންގެ މެދުގައި ވޯޓު ލާން ދާން ޝައުގުވެރިކަން ކުޑައެވެ. ޕެންޑެމިކެއްގެ ތެރޭގައި އިންތިހާބެއް ބޭއްވުމާއި، އިންތިހާބު ބާއްވަން ލަސްވުމާއި، މިފަދަ ކަންތައްތަކާއި ހުރެ، މިކަމަށް ގިނަ ބައެއްގެ 'ޝައުގެއް' ނެތެވެ.

އެކި ސަބަބުތަކަށްޓަކައި މިފަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 އިންސައްތަ ވެސް ވޯޓު ލާންދާނެ ކަމާއި މެދު ވަނީ ޝައްކު އުފެދިފައެވެ. މިހާ މަދު ބަޔަކު ވޯޓު ލައިފިނަމަ ނަތީޖާއާއި މެދުވެސް އާއްމުން ސުވާލު އުފައްދާނެއެވެ. ގާނޫނީ ގޮތުން އެކަމުގައި ހުރަހެއް ނެތަސް، އުފެދޭ ސުވާލަކީ އެފަދަ ނަތީޖާއެއް އާއްމު ރައްޔިތުން ގަބޫލު ކުރާނެތޯއެވެ.

0
0
0
1
0

ކޮމެންޓް

Your email address will not be published.

0 %