އިންޑިއާގެ ޓަމިލްނާޑޫއަށް އުފަން މަރިމުތު ޔޮގަނަންތަންއަކީ 30 އަހަރު ތެރޭގައި 300,000 އަށްވުރެ ގިނައިން ގަސް ހައްދާފައިވާ މީހެކެވެ. މަރިމުތުގެ މިމަސައްކަތުގެ ސަބަބުން އޭނާ މަޝްހޫރުވެފައިވަނީ ޓްރީ މޭންގެ ނަމުންނެވެ. ބަސް ކޮންޑަކްޓަރެއްގެ ވަޒީފާ އަދާކުރުމާއެކު ބަސް ދަތުރުތަކުގައި ދިމާވާ މީހުންނަށް މަރިމުތު ދަނީ އޭނާ ހައްދާފައިވާ ކުދި ގަސްތައް ހަދިޔާ ކުރަމުންނެވެ.

މިގޮތުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް މަރިމުތުގެ ޝައުގުވެރިކަން އުފެދުނީ ކުޑައިރު ސައިފަތް ދަނޑުގައި މަންމަ މަސައްކަތް ކުރާތަން ފެނުމުންނެވެ. އޭނާ ޤަބޫލުކުރާގޮތުގައި ސުކޫލުގައި ނަގައިދިން ފިލާވަޅުތަކަށް ވުރެ ބޮޑަށް ތިމާވެށިން އުނގަންނައިދިންވަރު ބޮޑެވެ. ގަސްތަކާއި ތިމާވެށީގެ ޤުދުރަތީ ރީތިކަމަށް ކުޑައިރުއްސުރެ އުފެދުނު ލޯބި ވެގެންދިޔައީ ބޮޑުވުމަށްފަހު ގަސްއިންދުމުގެ މަސައްކަތް ކުރުމަށް ވާސިލުކުރުވި ކަމަށެވެ. 26 އަހަރު ތެރޭގައި 38 ގަސް ހައްދައި ބޮޑުކުރުމަކީ ކުޑަކަމެއް ނޫނެވެ. ބަސް ކޮންޑަކްޓަރެއްގެ ބުރަ ވަޒީފާ އަދާކުރަމުންވެސް ގަސް އިންދުމަށް އިސްކަމެއް ދީގެން އެކަމަށް ވަގުތު ހުސްކުރެއެވެ. ހަމައެއާއެކު ވަޒީފާއިން ލިބޭ މުސާރައިގެ 40 އިންސައްތަ ގަސް އިންދުމަށް ހޭދަކުރުމުގެ އިތުރުން ތިމާވެއްޓާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ދިނުމުގައިވެސް ހަރާކާތްތެރިވެއެވެ.

ބަސް ކޮންޑަކްޓަރެއްގެ ވަޒީފާ އަދާކުރަމުން ގަސް އިންދުމާއި ތިމާވެއްޓާ ބެހޭގޮތުން މީހުން އިތުރަށް ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ވަގުތު ހުސްކުރުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ. އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ވަޒީފާއިން އެންމެ ދުވަހަކުވެސް ސަލާން ބުނެފައިނުވާއިރު ހެޔޮ މަގުސަދެއްގައި ނޫނީ ސަލާން ނުބުނެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ހިދުމަތް ކުރުމުގައި ހޭދަވި 17 އަހަރުގެ ދިގު މުއްދަތުގައި 40 ފަހަރަށް ޓްރާންސްފާ ވުމެވެ. ނަމަވެސް 2008 ވަނަ އަހަރު މަރިމުތުގެ ހީވާގި ބުރަ މަސައްކަތަށް "އީކޯ ވޮރިއާ" އެވޯޑު ލިބުމަށްފަހު ތިމާވެއްޓަށް ކުރާ މަސައްކަތް ކުރުމަށް ލުއިތަކެއް ލިބިފައިވެއެވެ. މަރިމުތުގެ އަނބިމީހާ އަދި އޭނާގެ ދެއަންހެން ދަރިންގެ ފަރާތުންވެސް ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.

ދުވަހެއް ދުވަހަކަށް ދުނިޔޭ ހޫނުވަމުން އަންނަހެން އަވަސް ހައްލަކަށްވަނީ ގެ ފިނިކުރުމަށް އޭސީއެއްލުމެވެ. ޖައްވު ތަޢައްޔަރުވަމުންދާހެން ގިނަ ބަޔަކަށް އިޙްތިޔާރުކުރެވެނީ އެކިބާވަތުގެ ވިހަ ގޭސް ޖައްވައްދޫކުރާ މިފަދަ ވަސީލަތްތަކެވެ. ގަސް އިންދުމާ ދުރު މިޒަމާނުގައި މަރިމުތު ފަދަ މީހުންނަކީ ތިމާވެށި ރައްކާތެރިކުރުމަށް މިސާލު ދައްކާ ބައެކެވެ. އަންނައް އޮތް ޖީލަށް ރީތި ވެއްޓެއް ފޯރުކޮށްދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.