ޒުވާނުންނަށް ހާސްކަމެއް ނެތިވެ މަޖާކޮށްލެވޭނެ ފަދަ އިންތިޒާމްތައް ހަމަޖެއްސުމަކީ ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަބަދުވެސް ވަކާލާތުކުރާ ކަމެކެވެ. މިފަދަ އިންތިޒާމްތައް ހަމަޖެއްސުމަށް މަރުކަޒެއް ގާއިމްކުރުމަށް ސަރުކާރަށް ގޮވާލުމަށް ދާދިފަހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. މި ގަރާރު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ.

މައިގަނޑު ގޮތެއްގައި ގަރާރު ހުށަހަޅާފައިވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު ވެސް، ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ، އެކުވެރިންނާ ބައްދަލުކޮށް، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ނެތް ކަމަށް ބުނެއެވެ. އެހެން ނަމަވެސް މި ގަރާރު ހުށަހެޅުނު ދަނޑިވަޅަކީ އެންމެ އެދެވޭ ދަނޑިވަޅު ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން މި ގަރާރުގެ މަގްސަދާއި މެދު ވެސް ސުވާލު އުފައްދާފައިވެއެވެ.