މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އުސްމާން ޑެމްބެލޭ ޖެހި ލަނޑާއެކު، ސްޕެނިޝް ލީގުގައި ރެއާލް ވަލަޑޮލިޑްގެ މައްޗަށް ކުރިހޯދާ، ލީގު ތާވަލްގެ ދެވަނަ އަށް ބާސެލޯނާ ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ، ރެއާލް ވަލަޑޮލިޑާއި ބައްދަލުކުރި މެޗު ބާސެލޯނާ ކާމިޔާބުކުރީ 1-0 ންނެވެ.

މެޗު ނިމެން 11 މިނިޓަށް ވެފައިވަނިކޮށް ވަލަޑޮލިޑްގެ ސްޕެއިންގެ މިޑްފީލްޑަރ އޮސްކާ ޕްލާނޯ އަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން، މެޗުގެ ފަހު ބައި ވަލަޑޮލިޑް ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކުގައެވެ.

ބާސެލޯނާ އަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުން ފްރާންސްގެ ފޯވާޑް ޑެމްބެލޭ ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

މިމޮޅާއެކު ބާސާ ވަނީ ސްޕެނިޝް ލީގު ތާވަލްގެ އެއްވަނާގައިވާ އެތުލެޓިކޯ މެޑްރިޑާއި ޕޮއިންޓަކާއި ގާތަށް ޖެހިލާފައެވެ. ލީގުގައި 29 މެޗު ކުޅެގެން 65 ޕޮއިންޓާއެކު ބާސާ ދެވަނާގައި އޮތްއިރު، އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 29 މެޗުން 66 ޕޮއިންޓެވެ. ލީގުގައި މިދެޓީމްގެ ދެމެދުގައި ކުރިން އޮތް 4 ޕޮއިންޓުގެ ފަރަގު ހަނިވީ، އާދީއްތަ ދުވަހުގެރޭ ސެވިއްޔާ އާ ބައްދަލުކުރި މެޗުން ބަލިވެ، އެތުލެޓިކޯ މެޑްރިޑަށް ގެއްލުނު ތިން ޕޮއިންޓާއި ގުޅިގެންނެވެ. 29 މެޗުން 63 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައި ވަނީ ރެއާލް މެޑްރިޑެވެ.

ރޭގެ މޮޅާއެކު ބާސެލޯނާ އަށް ތާވަލްގެ ކުރި ހޯދުމުގައި އަމިއްލަ ބާރު ލިބިފައިވާއިރު، ލީގުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ބާސާ ނުކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. މަޝްހޫރު "އެލް ކްލެސިކޯ" ގެ ކުރިމަތިލުމަށް ހޮނިހިރު ދުވަހު މިދެޓީމު ނުކުންނާނީ ރެއާލްގެ ދަނޑުގައެވެ. ލީގުގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗު އޮންނާނީ މެއި މަހުގެ 9 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.