މިއީ ރާއްޖެގެ ތާރީހްގައި ބޭއްވޭނެ އެންމެ ބޮޑު އެއް އިންތިހާބެވެ. ކެނޑިޑޭޓުންގެ އަދަދަދާއި، އިންތިހާބުކުރަންޖެހޭ މަޤާމުތައްވެސް އެންމެ ގިނައީ ކުރިއަށް މި އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައެވެ.
ހުރިހާ ފަރާތަކުންވެސް ތަފާތު ތަޖުރިބާއެއް ކުރާނެ މި އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެ، ފަހު ތަޅާލުންގަނޑުގެ ދުވަސްތައް ގުނާއިރު އިންތިހާބުގެ މުހިންމުކަމާއި، ކުރަން މި އުޅޭ ކަންތައް ސާފުނުވާ އެތައް ބަޔަކު އެބަތިއްބެވެ. އެކަމުގެ ސަބަބުތައްވެސް ބައިވަރެވެ. ކަން އެގޮތަށް އޮތްނަމަވެސް، އިންތިހާބުގެ ކަންކަމާއި ދުރުގައި އުޅޭ ފަރާތްތައްވެސް ނުވަތަ އިންތިހާބެއް އަންނަހެން ހީވެސްނުވޭ ބުނެ އުޅޭ ފަރާތްތައްވެސް ކަޅި ހިންގާ އެއް ދިމާލެއް ފާހަގަވެއެވެ.
އެއީ މާލޭގެ މޭޔަރުކަމެވެ. އިންތިހާބެއް އޮންނަކަން ނޭނގުނަސް، އަދި ރާއްޖެގެ ކޮންމެ ސަރަހައްދަކަށް ނިސްބަތްވެ ވޯޓުލިޔަސް، ކުރިއަށް ކައުންސިލް އިންތިހާބުގައި އަމިއްލަ ރަށް ނުވަތަ ދާއިރާގެ ނަތީޖާއަށްވުރެ ބޮޑަށް އެންމެންގެ ކަޅި ހުއްޓިފައިއޮތީ މާލޭގެ މޭޔަރު ކަމަށެވެ.
ދެ މީހަކު އެއްވެ އިންތިހާބުގެ ވާހަކައެއް ދެއްކިނަމަވެސް، ދައްކާ އުޅެނީ މާލޭގެ މޭޔަރުކަން ކާމިޔާބުކުރާނެ ބޭފުޅެއްގެ ވާހަަކަ އެވެ. ޕާޓީ ބަހުސްތަކުގައިވެސް އިވެނީ ހަމަ އެ ވާހަކަ އެވެ. މާލޭގެ އެހެން ދާއިރާތަކަށް ބޭފުޅުން މި އިންތިހާބުގައި އިންތިހާބު ކުރަން ނުޖެހެނީބާއޭވެސް ސުވާލު އުފެދޭ މިންވަރަށް ރައްޔިތުންގެ މެދުގައި ދެކެވެނީ މާލޭގެ މޭޔަރުކަމުގެ ވާހަކަ އެކަންޏޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.

އަނަސްގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޮރުން ދޮރަށް ހިންގަވަނީ -- ފޮޓޯ: އަނަސް / ޓުވިޓަރ
ސުވާލަކީ މާލޭގެ މޭޔަރުކަމަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ ބަހުސް މިހާ ގަދަވެގެން މި އުޅެނީ ކީއްވެބާ އެވެ. ހާހަކަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާއިރު، އެހެންދާއިރާތަކަށް އެހާ ބޮޑު ސަމާލުކަމެއް ނުލިބެނީ ކީއްވެބާ އެވެ.
މިއީ މާލޭގެ ރައްޔިތުންވެސް އަދި ރާއްޖޭގެ އެހެން ސިޓީތަކަށް ނިސްބަތްވާ ރައްޔިތުންވެސް މޭޔަރަކު އިންތިހާބުކުރުމަށް ވަކި ވޯޓެއް ލާނެ ފުރަތަމަ އިންތިހާބު އެވެ. ރަށްރަށުގައިނަމަ، ރަށު ކައުންސިލްގެ ރައީސްކަމަށް ވަކިން ވޯޓެއްލާނެ އިންތިހާބަކީ މިއީ އެވެ. އެހެންކަމުން ކުރިން ބޭއްވުނު ކައުންސިލް އިންތިހާބުތަކަށްވުރެ ބޮޑަށް، މި އިންތިހާބުގައި މޭޔަރުކަމަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ ވާހަކަ ދެކެވުމަކީ އެކަށީގެންވާކަމެއްކަމަށް ބަލަންޖެހެ އެވެ. ނަމަވެސް ދެންވެސް އުފެދޭ ސުވާލީީ އެހެން ސިޓީތަކަށްވުރެ، މާލޭގެ މޭޔަރުކަމަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ ބަހުސް ގަދަވެގެން މި އުޅޭ ސަބަބަކީ ކޮބައިތޯ އެވެ.
މާލޭގެ މޭޔަރުކަމަށް ތިން ކެނޑިޑޭޓަކު ވާދަކުރާއިރު، ތިން ކެނޑިޑޭޓުންވެސް ނިސްބަތްވަނީ ތިން ޕާޓީއަކަށެވެ. އެއީ އެމްޑީޕީން އަނަސް އަބްދުއްސައްތާރު، ޕީޕީއެމުން ޑރ. މުހައްމަދު މުއިިއްޒު އަދި އަމިއްލަގޮތުން ވާދަކުރައްވާ އަލްހާން ފަހުމީ އެވެ.
ކެމްޕޭން ފެށިގެން، ކެމްޕޭންގެ ފަހު ގަޑިއިރުތައް ގުނާއިރު ވެރިކަން ކުރާ ޕާޓީގެވެސް މުޅި ސަމާލުކަން އޮތީ އަނަސް އަށް ކާމިޔާބު ހޯދައިދިނުމަށެވެ. އަނަސްއަށް އިންތިހާބު ކަށަވަރުކޮށްދިނުމަށް ހުރިހާ ގާކޮޅެއް ކަހަލަގޮތަކަށް ފުރޮޅަމުންގެންދެޔޭވެސް ބުނެވިދާނެ އެވެ.
އަނަސްގެ ކެމްޕެއިންގެ ކުރިޔަށް ނަޝީދު، އޭގެފަހަށް މުޅި ސަރުކާރު
އަނަސްގެ ކެމްޕޭންގެ އެންމެ ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުކަމަށް ބުނެވިދާނެ އެވެ. އެހެނީ އަނަސްއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކޮންމެ ދުވަހަކު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ އެތަކެއް މަސައްކަތެއްކުރެ އެވެ.
އަނަސްއާއެކު ދޮރުން ދޮރަށް ހިންގަވަ އެވެ. ރައްޔިތުންނާއި ބައްދަލުކުރެ އެވެ. ރައްޔިތުންގެ ތަކުލީފުތައް އޮޅުން ފިލުވައެވެ. އެކަންކަން ހައްލުކޮށްދޭނެކަމަށް ވިދާޅުވެ، ބޮޑެތި މައްސަލަތަކުގައި ސަރުކާރަށް ޕްރެޝަރުތައް ނަޝީދު ކުރިމަތިކުރުވަ އެވެ. މައްސަލަތަކުގައި ސަރުކާރު މަންޒަރެއް ނެރެ، ހައްލުތަކުގެ ވާހަކަތައް ރައްޔިތުންނަށް ކިޔާދެއްވުމުގައި ރައީސް ނަޝީދުގެ ދައުރު ވަކީން ބޮޑަށް ފާހަގަވެއެވެ. ރައީސް ނަޝީދުގެ ފަހަތުން އަނަސްއަށް އިންތިހާބު ހޯދައިދިނުމަށް މަޖިލިސް މެމްބަރުންނާއި، ކެބިނެޓާއެކު މުޅި އެމްޑީޕީ ހޭވައްޓާލާ މަސައްކަތް ކުރެއެވެ.
ދެން އޮތް ސުވާލަކީ އެމްޑީޕީއަށް އަބަދުވެސް މާލޭގެ ތާއީދު ލިބޭއިރު، މޭލޭގެ މޭޔަރަށް މިހާ ގަދައަޅައި މުޅި ޕާޓީ މަސައްކަތްކުރާ ސަބަބކީ ކޮބައިތޯ އެވެ.
އެމްޑީޕީއަށް ބަލާއިރު، ކޮންމެ ގޮތަކުންވެސް މާލޭގެ މޭޔަރުކަން އެމްޑީޕީއަށް މުހިންމު އެވެ. އަނަސް މޭޔަރަކަށް އިންތިހާބުވެއްޖެނަމަ އެމްޑީޕީ ވެގެންދާނީ ކައުންސިލްތައް އުފެދި މާލޭގެ މޭޔަރުކަން ކުރި ހަމައެކަނި ސިޔާސީ ޕާޓީއަށެވެ. ނިމުނު ހުރިހާ ކައުންސިލެއްގައިވެސް މާލޭގެ މާޔަރުކަން ކުރައްވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.
އޭގެއިތުރުން އެމްޑީޕީއަށް ލާމަރުކަޒީ ނިޒާމަކީ އެ ޕާޓީގެ އެއްޗެކެވެ. އެހެންކަމުން އެ ނިޒާމު ފައްކާކުރަމުން އަންނައިރު، ވެރިކަންކުރާ ރަށުގެ މޭޔަރުކަން ވަރަށް މުހިންމުވާނެ ކަމަށް ދެކި ކުރާ މަސައްކަތްްތައްވެސް މީގެތެރެއިން ފެންނަލެއް މަދެއް ނޫނެވެ.
މިކަންކަމުގެ އިތުރަށް، މޭޔަރުކަމަށް އެމްޑީޕީއަށް މަސައްކަތްކުރަންޖެހޭ މިންވަރު އިތުރުވި އެއް ސަބަބަކަށް، މާލޭގެ ރައްޔިތުންގެ ތާއީދު އަނބުރާލުމަށް އިދިކޮޅުން ކުުރާ މަސައްކަތް ހިމެނޭކަމަށް ބުނެވިދާނެ އެވެ. އެހެނީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދިއެދި ތިބީ ބޯހިޔާވެހިކަމަކަށެވެ. އެކަން އިދިކޮޅަށް ސަރުކާރުގައި ތިބެ ފުއްދައިނުދެވުނުއިރު، ވެރިކަމުގެ ފަހު ދަވަސްކޮޅުގެ ތެރޭގައި ވަނީ ފްލެޓް ލިބޭނެކަމުގެ ލިޔުނަތަކެއް ދޫކޮށްފަ އެވެ. އެމްޑީޕީ ސަރުކާރާއި ހަވާލުވެ، އަދިވެސް އުޅެންޖެހިފައިއޮތީ އެ މައްސަލަތައް ހައްލުކުރުމުގެ ތެރޭގަ އެވެ.
އެ މައްސަލާގައި އިދިކޮޅުން ރައްޔިތުނަށް ދައްކަމުންގެންދާ ހަޤީޤަތެއް ނެތް ހުވަފެންތަކުގެ ނަތީޖާއެއްގެ ގޮތުން މާލޭގެ ބައެއް ރައްޔިތުން ނުރުހުން ވަނީ އެމްޑީޕީއަށް އަމާޒުވެފަ އެވެ. އިންތިހާބަށް ނިކުމެ، އެމްޑީޕީއަށް މާލޭގެ ތާއީދު ހޯދުމަށް ކުރަންޖެހިފައި އޮތް އެންމެ ބޮޑު މަސައްކަތަކަށްވަނީ ފްލެޓްތަކުގެ މައްސަލަތަކުގެ މަސައްކަތެވެ.
މުއިއްޒަށް އެންމެ ބޮޑު ހުރަހަކީ "ވަޒީރުކަމުގައި ކަންކުރިގޮތް"
ދެން ހުންނެވީ އަނަސްއާ ވާދަކުރައްވާ އިދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒު އެވެ. މުއިއްޒުއަކީ އެމްޑީޕީން ފައްކާކުރަންފެށި ލާމަރުކަޒީ ނިޒާމުގައި ޖެހުނު މާސިންގާ ބޮޑު ލައްގަނޑެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރުންގެ އިތުރަށް، ގިނަ ބަޔަކު ސިފަކުރެ އެވެ.
މުއިއްޒަށް އިންތިހާބު ކާމިޔާބުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް މިނިސްޓަރުގެ ގޮނޑީގައި އިންނަވާ ކައުންސިލްތަކަށް ޖެއްސި ހާލުގެ ސަބަބުނެވެ. ލާމަރުކަޒީ ނިޒާމް ކަފުންކުރުމަށް އެއްކޮޅުގައި ހުންނެވި ބޭފުޅަކަށް މުއިއްޒުގެ ނަން ގިނަ ބަޔަކު ގެނެ އެވެ.
މުއިއްޒު ވާދަކުރައްވާ ސިޓީ ކައުންސިލް މާސިންގާ ބޮޑު ކައުންސިލެއްގެ ގޮތުގައި ހިންގަނިކޮށް، ނެރި އެއްލާލިގޮތުގެ ވާހަކަ އަދިވެސް ގިނަ ބަޔަކު ފާހަގަކޮށް، މަލާމާތް ކުރަނީ ނިޒާމުގެ ތެރެއިން ކުނިގޮނޑަށް ވައްޓާލި ކައުންސިލްގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވާތީ އެވެ.
ނިޒާމާއި ބީރައްޓެހިނަމަވެސް، ދަރުމަވަންތަ ހޮސްޕިޓަލާއި، ސިނަމާލެ ބްރިޖްގެ ވާހަކައިން މުއިއްޒުގެ ސަޕޯޓަރުން ހިތްހަމަޖައްސާލާއިރު، މާލެގެ ބައެއް އާއިލާތަކުންވެސް މުއިއްޒުއަށް ތާއީދުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާއަށް ތިލަކުރެ އެވެ.
މުއިއްޒަކީ ހައުސިން މިނިސްޓަރުކަން 7 އަހަރު ވަންދެން ކުރެއްވި ބޭފުޅެއްކަމުން މާލޭގެ ބޮޑުންގެ ތާއީދު އޮންނާނެކަމާމެދު ޝައްކެއް ކުރާކަށް ނުވެސް ޖެހޭނެ އެވެ.

ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރާ ބަޔަކާއެކު ފޮޓޯއެއްގައި -- ފޮޓޯ: މުއިއްޒު / ޓުވިޓަރ
އަލްހާންގެ ކެމްޕެއިންގައި ފޯރިއެއް ނެތް
އިންތިހާބަށް ނިކުމެ ދެން ހުންނެވީ އަލްހާން ފަހްމީ އެވެ.
އަލްހާން އަކީ ޕާޓީ ވިސްނުމާއި ދެކޮޅަށް އެންމެންގެ މޭޔަރަކަށް ނިކުންނަވާ ކެމްޕޭން ކުރައްވާ ބޭފުޅެކެވެ. ކެމްޕޭންގައިވެސް މަޑުމައިތިރި ގޮތްތަކެއް އަލްހާންގެ ޓީމުން ހިޔާރުކޮށް، ދެން ވާދަކުރާ ދެ ކެނޑިޑޭޓުންނާއި ގާތްކުރާ މިންވަރަށްވެސް ކެމްޕޭންގެ ފޯރީގައި އުޅުއްވާތަނެއް މި އިންތިހާބުގައި އަލްހާންގެ ޓީމަކުން ނުފެނެ އެވެ.

ކެމްޕޭންގައި އަލްހާން ފަހުމީ އާއިލާއަކާއި ބައްދަލުކުރަނީ -- ފޮޓޯ: އަލްހާން / ޓުވިޓަރ
މި އިންތިހާބުވެގެންދާނީ ވެރިކަން ކުރާ އެމްޑީޕީއަށް މާލޭގެ މޭޔަރުކަން ކަށަވަރުކުރުމަށް އެންމެ އުދަނގޫ އިންތިހާބަށެވެ. އޭގެއިތުރަށް އިންތިހާބަށް ދެ ތިން ދުވަހަށްވާއިރު، ނަތީޖާ އަންނާނެ ކަމަށް ލަފާވެސް ކުރަން ދަތި މިންވަރަށް ވާދަވެރިކަން އެބައޮތްކަމަށް ބުނެވިދާނެ އެވެ.
އިންތިހާބުގެ އެއް ދާއިރާއެއްގެ ނަތީޖާއެއް ނުބެެލި، އިންތިޒާރު ނުކުރާ ފަރާތްތަކުންވެސް މި ގަދަ ހިފުމުގައި މޮޅުވާނެ ބަޔަކު އޮޅުންފިލުވާނެކަމީ މުޅި އިންތިހާބުގެ ނަޒަރު މާލޭގެ މޭޔަރަށް ހުއްޓިވާ އެއް ސަބަބެވެ. އެއްކޮޅުން ރައްޔިތުންގެ ލޯތައް ކުރިމަތީގައި ލާމަރުކަޒީ ނިޒާމް ކަފުންކުރި ފަރާތެއް ވާދަކުރާއިރު، ދެން ހުންނެވީ ނިޒާމްގެ ވާހަކައާއި ރަށްވެހިކަމުގެ ވާހަކަ އަބަދަށްމެ ދެއްކެވި ބޭފުޅެކެވެ.
ރައްޔިތުން ކޮންމެ ގޮތެއް ނިންމިއަސް، މާލޭގެ މޭޔަރުގެ ނަތީޖާ ވެގެންދާނީ ސިޔާސީ މަސްރަހުގައި އެތަކެއް ކަމެއް ސާފުކޮށްދޭނެ ނަތީޖާއަކަށެވެ.