ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް، ރާއްޖެއާ އިންޑިއާ އާ ދެމެދު އެއަރ ބަބްލްއެއް ގާއިމްކުރުމަށް ނިންމައިފިއެވެ. 

މިއީ ކޮވިޑް-19 އަށްފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއަރ ބަބްލް ކަމަށްވާއިރު މި އެއަރ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފެށިގެންދާނެއެވެ. ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

އެއަރ ބަބްލްގެ ސަބަބުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެއެވެ. ބޮޑެތި ބަލިތަކަށް، ރާއްޖެއިން ލިބެން ނެތް ފަރުވާކުރަން މިހާރުވެސް ޚާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދެވުނުނަމަވެސް، އެއަރ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލާ އެނގި، ދަތުރުކުރާ ބަލި މީހުންނާ އެމީހުންގެ އާއިލާތަކަށް ފަސޭހަ ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވުމާއި، އަދި ރާއްޖޭގެ ރިސޯޓްތަކަކީ ރާއްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް އަޅާފައިވާ ރިސޯޓްތަކަށްވުމުން، މި އެއަރ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެއެވެ. ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 އިންސައްތަ ފަތުރުވެރިންނަކީ މިހާރު އިންޑިއާގެ ފަތުރުވެރިންނެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި އިންޑިއާގެ ގިނަ ބަޔަކު މަސައްކަތްކުރަމުންދާއިރު، ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓުމުން ރާއްޖެއަށް ނާދެވި، ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިއްހީ އެހީތެރިން އިންޑިއާގައި އެބަތިބި ކަމަށާއި އެއަރ ބަބްލް އުފެދުމުން، މި ފަރާތްތަކަށް ރާއްޖެއަށް އައިސް، ރާއްޖޭގެ ސިއްހީ ނިޒާމްގެ ތެރޭގައި އަލުން މަސައްކަތްކުރަން ފެށި، ސިއްހީ ނިޒާމަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ސިއްހީ ދާއިރާގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ގިނަ އެހެން ދާއިރާތަކެއްގައި މަސައްކަތްކުރާ އިންޑިއާގެ މަސައްކަތްތެރިންވެސް ކޮވިޑް-19ގެ ސަބަބުން އަނބުރާ ގައުމަށް ގޮސްފައިވާއިރު، ލޮކްޑައުންއަށްފަހު ރާއްޖޭގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން މަސައްކަތްކުރާ މި ދަނޑިވަޅުގައި މި މަސައްކަތްތެރިންނަށް ރާއްޖެއަށް އަނބުރާ އައިސް، އިގްތިސާދީ މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލިނަމަވެސް، ޝެޑިއުލް ފްލައިޓްތައް ނެތުމުން ބޭރުގައި ތިބި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ރާއްޖެ ނާދެވި އެބަތިއްބެވެ.

އެއަރ ބަބްލްގެ ތެރެއިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވިއަން އަދި އެއަރ އިންޑިއާއިން މާލެ އާއި އިންޑިއާގެ އެކި ސިޓީތަކާ ދެމެދު އުދުހެން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.