ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ މަހާއި މަހުގެ ބާވަތްތަކަށް ނަގަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރާ މަހާއި މަހުގެ ބާވަތްތަކަށް އެ އޮތޯރިޓީ އިން ދޫކުރާ ހެލްތު ސެޓްފިކެޓަށް ފައިސާ ދެއްކުން އޮންލައިންކޮށް ހަމަޖެއްސީ ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތަކަށް ނަގަންޖެހޭ ފައިސާ "ބަނޑޭރި ޕޭ" މެދުވެރިކޮށް ނެގުމަށް މިނިސްޓްރީ އޮފް ފިނޭންސުން އެންގުމާއި ގުޅިގެންނެވެ.
ހެލްތް ސެޓްފިކެޓަކީ ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި ވެސް ދޫކުރަމުންދާ ސެޓްފިކެޓްކަށް ވާތީ މި ފައިސާ އެޑްވާންސްކޮށް ދެއްކޭނެ އިންތިޒާމް ކުރިން އޮތީ ހަމަޖައްސާފައެވެ. އެހެންނަމަވެސް، މިހާރު ގެނެވުނު ބަދަލާއެކު ހެލްތް ސެޓްފިކެޓް އަށް އެދިލައްވާއިރު އޮންލައިންކޮށް ވަގުތުން ފައިސާ ދެއްކޭނެއެވެ.
މި އުސޫލަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ 11 އޭޕްރީލް އިން ފެށިގެންނެވެ. އެހެންކަމުން، އެ ދުވަހުން ފެށިގެން ހެލްތް ސެޓްފިކެޓަށް އެޑްވާންސްކޮށް ފައިސާ ނުނަގާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.