އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމުގެ މައްސަލަ މިހާރު އެންމެ ހޫނުވެފައިވާއިރު މީގެ ތެރެއިން ކުރި ފެޅި އަނެއް ވާހަކައަކީ ފައްޔާޒު "ބްރޯ"އަކަށް ވާން އުޅޭ ވާހަކައެކެވެ. އެކަމުގެ ބިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑުވުމެވެ. ފައްޔާޒު ސަރުކާރުން ބޭރުކުރަން ސީދާ ރައީސް ނަޝީދު މައިދާނަށް ނުކުމެވަޑައިގެންނެވީ އެހެންވެއެވެ. 

ފައްޔާޒު ފެނިގެން ދަނީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅާގެ ގޮތުގައެވެ. ކަންކަމުގައި ކެރިގެން ބަސް ވިދާޅުވެ، ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ވަރަުގަދަ ޗެލެންޖުތައް ނަންގަވައެވެ. އެހެން މިނިސްޓަރުން ވެސް ފައްޔާޒު ސިފަ ކުރައްވަނީ ވަރަށް ގަޓު މިނިސްޓަރެއްގެ ގޮތުގައެވެ. ބައެއް މިނިސްޓަރުން ވެސް ލަފާ ހޯދުމަށް ދަނީ ފައްޔާޒުގެ އަރިހަށެވެ.

އެހެން މިނިސްޓަރުންގެ އިތުރުން، މަޖިލީހުގެ ގިނަ މެންބަރުން ވެސް އެންމެ ގިނައިން ކަންކަމުގައި ގޮސް އުޅެނީ ފައްޔާޒުގެ އަރިހަށެވެ. އެ ވާހަކަ ހުދު ފައްޔާޒު ވެސް ވިދާޅުވެފައިވެއެވެ. ފައްޔާޒު ވިދާޅުވީ އޭނާއަކީ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމުން މެންބަރުންނާ ގުޅުން ރަނގަޅު ކަމަށެވެ. އަދި އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހަން ބޭނުންވާ ކަމަށެވެ. އެއީ ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަންކަމަށްވާތީ އެވެ.

އޭގެއިތުރުން ސަރުކާރުން ބޭނުންވާ ކަންކަމުގައި ލޮބީ ކުރުމަށް ވެސް މެންބަރުންނަށް ވަރަށް ގިނައިން ގުޅުއްވާ ހައްދަވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް އަމަލު ކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވެ އެވެ. އެއީ ރިޔާސީ ނިޒާމެއްގައި އެކަން ހިނގާނެ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ތެރޭގައި ފައްޔާޒުގެ ނުފޫޒު ގަދަވެފައިވާއިރު ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި "ބްރޯ"ހެދެން ފައްޔާޒަށް ފުރުސަތު ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރޭ، ރައީސް ނަޝީދުގެ ނުރަސްމީ އައިޑީ، އެލްކްސް އަހުމަދު ވަނީ އެފަދައިން ޓްވީޓްކޮށްފައެވެ.

"އަޅުގަނޑުގެ ކަންބޮޑުވުމަކީ ރައީސް މައުމޫނާއި އިލްޔާސްގެ އެތައް ކަމެއް ފެނި އަދި ރައީސް ޔާމީނާއި އަދީބުގެ ވެސް އެތައް ކަމެއް ފެނިފައިވާތީ ހުރި ކަންބޮޑުވުން،" އެލްކްސް ބުނެފައިވެއެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ނުފޫޒުގަދަ އަދި ބާރުގަދަ މިނިސްޓަރަކީ އިލްޔާސްއެވެ. އެ ބާރުވެރިކަމުގެ ތެރެއިން ރައީސް މައުމޫން ވެރިކަމުން ބާލައި، އޭނާ ވެރިކަމަށް އައުމަށް މަސައްކަތް ކުރައްވާފައިވެއެވެ. ނުފޫޒުގަދަ ކުރެއްވުމަށް ޖަރީމާތަކާއި ކޮރަޕްޝަންތައް ހިންގެވި ކަމުގެ ތުހުމަތު އިލްޔާސްއަށް ކުރެވެއެވެ. ނަމަވެސް އޭނާ އަބަދުވެސް ފެނިގެން ދިޔައީ ރައީސް މައުމޫންގެ ވެރިކަމުގެ މުހިންމު ތަނބެއްގެ ގޮތުގައެވެ.

ހަމަ އެގޮތަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ފެނިގެން ދިޔައީ އެފަދަ ގޮތަކަށެވެ. ސަރުކާރުގެ ތެރޭގައި އެއް އިރެއްގައި ރައީސް ޔާމީނަށްވުރެ އަދީބު މަގުބޫލުވެ ބާރުގަދަވެގެން ވެސް ދިޔައެވެ. އެންމެފަހުން ރައީސް ޔާމީން އަވަހާރަކޮށްލައްވައި ވެރިކަން ހޯދަން އުޅުނު ކަމުގެ ތުހުމަތުގައި އަދީބު ހައްޔަރުކުރާ ހިސާބަށް ދިޔަ އެވެ.

މިހާރު އުފެދިފައި އޮތް ސުވާލަކީ ރައީސް ސޯލިހަށް، ފައްޔާޒަކީ މިފަދަ ނުރައްކަލަކަށް ވެފައިވަނީ ހެއްޔެވެ؟ ނޫންނަމަ ފައްޔާޒަކީ ރައީސް ސޯލިހަށް އެންމެ މުހިންމު މިނިސްޓަރު ނޫންބާވައެވެ؟

ކޮވިޑް-19އާ ގުޅިގެން އިގުތިސޯދު ހުއްޓިފައިވާއިރު ފައްޔާޒަށް މިވަގުތު އޮތީ ބޮޑު ޗެލެންޖެކެވެ. އެ ޗެލެންޖުގައި ފައްޔާޒު ކުރައްވާ ކޮންމެ މަސައްކަތަކީ ސަރުކާރަށް މުހިންމުވާނެ މަސައްކަތެކެވެ. އޭގެ އިތުރުން ގަދަވަމުން އަންނަ ބިދޭސީން މައްސަލަ ހަމަ މަގަށް އެޅުވުމަށް ވެސް އެންމެ ކުރީގައި ހުންނެވީ ފައްޔާޒެވެ.

ފައްޔާޒަކީ އިލްޔާސް ނުވަތަ އަދީބަށް ވާން އުޅޭނަމަ އެކަމުގެ އެންމެ ނުރުހުމެއް އޮންނާނީ ރައީސް ސޯލިހަށެވެ. ނަމަވެސް ފައްޔާޒުގެ ދިފާއުގައި މިހާރު ވެސް ގިނަ މެންބަރުންތަކެއް ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ފައްޔާޒު އަމަލު ކުރައްވަމުން ދަނީ ރައީސްގެ އިރުޝާދާ އެއްގޮތަށް ކަމަށް ވެސް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންވީއިރު، ފައްޔާޒުގެ ވޯޓާ ގުޅިފައި އޮތް ހަމައެކަނި ސަބަބަކީ މިއީތޯ ސުވާލު އުފެދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.