ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމަށް އިންޑިޔަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ކޮންސަލްޓެންސީގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ޙަރަކާތްތެރިވާ އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިޔާގެ ޓީމެއްވަނީ މިއަދު ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ޒިޔާރަތްކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އާ ޑޮމެސްޓިކް ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި ފަޔަރ ސްޓޭޝަން ޢިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިހާރު ހުރި ޓަރމިނަލް އިންޓަރނޭޝަނަލް ޓަރމިނަލްގެ ގޮތުގައި ތަރައްޤީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްގެ ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެ ކަމަށާއި މީގެ އިތުރުން އެއަރޕޯޓަށް ދިޔުމަށް އިތުރު މަގެއް ޤާއިމުކުރެވި، ކާރގޯ ވަޞީލަތްތައް ތަރައްޤީ ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން އެއަރޕޯޓަށް ބޭނުންވާ އާލާތްތައް ހޯދުމުގެ އިތުރުން އެއަރޕޯޓުގައި ސޯލާ ޕެނަލް ވެސް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްޤީއަށް ނުހަނު މުހިއްމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދު ފުޅާކުރުމަށް އެއަރޕޯޓް ތަރައްގީކުރުން ކޮންމެހެން ބޭނުންތެރި ކަމަށް މި ސަރުކާރުން ދެކެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.