ކުރީގެ ދެ ފިނޭންސް މިނިސްޓަރުންގެ މައްޗަށް ދައުވާ އުފުލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ކުރީގެ ދެ މިނިސްޓަރުންނަށް ދައުވާ ކުރަނީ ރިސްޓް ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް ‘ޕުޓް-ރައިޓް އޮޕްޝަން’ ހިމަނާފައިވާ މައްސަލާގަ އެވެ. 

ޖިހާދާއި މުނައްވަރުގެ އިތުރުން މި މައްސަލާގައި ދައުވާ ކުރަނީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އޮފް ޓޫރިޒަމް ހުސައިން ޟިރާރެވެ. 

މި ތިން ބޭފުޅުންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާއާއި، ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާއާއި، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލުމަށް ވަނީ އެދިފަ އެވެ.

އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނީ ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށްދޫކުރުމަށް، 04 އޮކްޓޫބަރު 2016 ގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި “ޕުޓް-އޮޕްޝަން ރައިޓް” މާއްދާ ހިމަނާފައިވީ ނަމަވެސް، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 08 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2016 ) ގެ 05 ވަނަ މާއްދާގެ (ކ) ގެ ދަށުން ސަރުކާރަށް ލިބެނީ ސަރުކާރާއެކު ޖޮއިންޓް ވެންޗަރގައި ބައިވެރިވާ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ “ވިއްކާލުމުގެ” އިޚްތިޔާރުކަމާއި، ސަރުކާރުގެ ހިއްސާ އެގްރިމެންޓްގެ އަނެއް ބައިވެރިޔާއަށް އެއްވެސް އަގަކާ ނުލައި ދިނުމުގެ ބާރާއި އިޚްތިޔާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށެވެ. ސަރުކާރު ބައިވެރިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިޚްތިޔާރު އޮތްކަމަށް ބަޔާން ކޮށްފައިވީނަމަވެސް، އެ މާއްދާއިން ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއި ނުލައި ވިއްކާލުމުގެ އިޚްތިޔާރު ދީފައިނުވާތީއާއި،

އިސްވެދެންނެވުނު 07 ރަށުގެ ތެރެއިން (ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ.އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި) ބ.ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ޙާލަތުގެ ދަށުން އާންމު އިޢުލާނުކޮށްގެން ރަށްތަށް ކުށްޔަށްދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓު ވެންޗަރ އެގްރީމެންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓު ވެންޗަރ ކުންފުނިތަކާއެކު ލީސްއެގްރީމެންޓް ހަދައިގެން ކުއްޔަށްދޫކޮށްފައިވާ ރަށްތަކެއްކަމާއި، އެރަށްތަކަށް ލީސް އެކުއިޒިޝަންގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީނަމަވެސް، ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ޙާލަތަކީ އެ ޙާލަތުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރގެ ދަށުން ޓޫރިސްޓް ރިސޯޓުތައް އޮޕަރޭޓްކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން، ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުޤާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށް ތަޙްޤީޤަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކ.އެނބޫދޫ ފިނޮޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (07 ފެބްރުއަރީ 2016) ގެ 15 ވަނަ މާއްދާގައާއި، ށ.ނާއިންފަރާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (13 ޖޫން 2016) ގެ 15 ވަނަ މާއްދާގައާއި، ށ.ހުރަސްފަރާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (13 ޖޫން 2016)ގެ 15 ވަނަ މާއްދާގައާއި، ރ.ފަސްމެންދޫއާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (14 ޖޫން 2016) ގެ 15 ވަނަ މާއްދާގައާއި، ކ.ކޮއްދިއްޕަރު ފަޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓު (29 މޭ 2016)ގެ 11 ވަނަ މާއްދާގައި ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު 5% ހިއްސާ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް “Put-Option right” ހިމަނާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ޖޮއިންޓް ވެންޗަރ އެގްރީމެންޓުތަކުގައި “Put-Option right”މާއްދާ ހިމަނާފައިވަނީ ބައެއް އިންވެސްޓަރުންނާ އެއްކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން މަޝްވަރާކޮށްގެން އެ މާއްދާ ހިމެނުމަށް އެއްބަސްވެގެންކަން ބައެއް ރަށްތަކަށް އިންވެސްޓަރުން ހުށަހަޅާފައިވާ ސިޓީތަކުން އެނގެން އޮތުމުންނާއި، ޖޮއިންޓް ވެންޗަރ ކުންފުނިތަކާއެކު ސޮއިކުރެވުނު ލީސް އެގްރީމެންޓުތަކުގައި ސޮއިކުރާއިރު، ލީސް އެގްރީމެންޓުގެ ޝެޑިއުލެއްގެ ގޮތުގައި ޖޮއިންޓު ވެންޗަރ އެގްރީމެންޓު ހިމަނާފައިވާތީއާއި، ލީސް އެގްރީމެންޓުތަކުގެ ޕްރީއޭމްބަލް ނުވަތަ ބެކްރައުންޑް ބައިގެ (c) އަދި (d) ގައި ވެސް ޖޮއިންޓު ވެންޗަރ އެގްރީމެންޓަށް ޙަވާލާދީ ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި“Put-Option right” މާއްދާ ހިމަނާފައިވާކަން ބަޔާންކޮށްފައި އޮންނާތީ ކަމަށެވެ. އެގްރިމެންޓްތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ޖިހާދެވެ.

ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް (04 އޮކްޓޫބަރު 2016) ގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި އެއްވެސް އަގަކާ ނުލައި ސަރުކާރުގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރެވޭގޮތަށް ސޮއިކުރައްވާފައިވަނީ މުނައްވަރެވެ.

އަދި، ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 26 އޮކްޓޫބަރު 2016ގައި ވެފައިވާ ލީސްއެގްރީމެންޓާއި، ށ.ހުރަސްފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 06 ސެޕްޓެންބަރު 2016ގައި ވެފައިވާ ލީސް އެގްރީމެންޓާއި، ށ.ނާއިންފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 06 ސެޕްޓެންބަރު 2016ގައި ވެފައިވާ ލީސް އެގްރީމެންޓުގައި ސޮއި ކުރައްވާފައިވަނީ ޟިރާރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *