އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން
ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު 7 މަޝްރޫއެއް ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ. 

މި ކްރެޑިޓް ލައިނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި
ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި ކްރެޑިޓް ލައިނެކެވެ. މި ކްރެޑިޓް ލައިންގެ ތެރެއިން 7 މަޝްރޫއެއް ކުރިޔަށް ގެންދިޔުމާ ބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ އެސް ޖައިޝަންކަރު ވަނީ މިއަދު މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޚާރީޖީ ވަޒީރުން ވެސް ވަނީ ރައްޔިތުންނާ ގުޅިފައިވާ، އަދި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ މި މަޝްރޫޢުތައް ވީހާވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުންވެސް އިންޑިއާ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ. 

މި ކްރެޑިޓް ލައިންގެ ދަށުން 34 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި، ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުމާއި، ބައިނަލްގްވާމީ ޕޯޓް ޑިވެލޮމްޕެންޓް ޕްރޮޖެކްޓާއި، ހުޅުމާލޭގައި 100 އެނދުގެ ކެންސަރ ހޮސްޕިޓަލެއް އެޅުމާއި، ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމާއި، ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްގީ ކުރުމުގެ އިތުރުން އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. 

ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާންކުރެވުނު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއެކުރީ 2019 ވަނަ އަހަރުގެ މާރޗް މަހުއެވެ. މި ޕްރޮޖެކްޓްގެ ފުރަތަމަ ބުރުގައި އިންޑިއާއިން ދިން 106 މިލިއަން ރުފިޔާއިން، 19 ޕްރޮޖެކްޓަކަށް ފައިނޭންސް ކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.