މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. 

މިކަން ހާމަކުރައްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ފޯނުން މިއަދު ދެއްކެވި ވާހަކަފުޅައްފަހުގައެވެ. ބްރިޖްގެ މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެއެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ. 

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢަށެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫޢުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ. "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި ބްރިޖުގެ އަޅަން ފެށުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މެރިން ޖިއޯ ފިޒިކަލް ސާވޭ ވަނީ ކޮށްފައެވެ. އެ މަސައްކަތްކޮށްފައިވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.