މޮރިޝަސްގެ ފަރަކަށް އެރުމުގެ ސަބަބުން ތެޔޮ ލީކު ވަމުންދިޔަ ތެޔޮ ޓޭންކަރުން ގާތްގަނޑަކަށް މިހާރު ތެޔޮ ހުސްކުރެވިފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވިދާޅުވެއްޖެއެވެ. 

މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެގައުމުގެ ފަރަކަށް އެރި ޖަޕާންގެ ތެޔޮ ޓޭންކަރެއް ކަމަށްވާ އެމްވީ ވަކާޝިއޯގައި 4000 ޓަނުގެ ތެޔޮ ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޓޭންކަރުގައި ހުރި ތެޔޮ ބޭރުކުރަމުންދަނީ ހެލިކޮޕްޓަރުގެ އެހީގައެވެ. ފްރާންސްއިން ވަނީ ޕޮލިއުޝަން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ސާމާނާއެކު ޚާއްސަ އުޅަނދެއް މޮރިޝަސްއަށް ފޮނުވާފައެވެ. ހަމައެހެންމެ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނުން ވަނީ ހަ މީހުން ހިމެނޭ ޓީމެއް ފޮނުވާފައެވެ. އެ ސަރަހައްދުގައި އެގައުމުގެ ކޯސްޓް ގާޑާއި ފުލުހުން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. 

އެގައުމުގެ ބޮޑުވަޒީރު ވިދާޅުވީ ގާތްގަނޑަކަށް 3000-4000 ޓަނުގެ ތެޔޮ އެ ޓޭންކަރުން ބޭރުކުރެވިފައިވާ ކަމަށެވެ. 

މޮރިޝަސް ފުލުހުންގެ ސްޕޯކްސްޕާސަން ވިދާޅުވީ ޓޭންކަރުގެ ހަލްގައި އެޅިފައިވާ ރެނދުތައް ބޮޑުވަމުން ދިޔުމާއެކު ޓޭންކަރު ދެފަޅިވުމުގެ ބިރު އޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެހާލަތަށް ތައްޔާރުވުމަށް ފްރާންސްގެ ނޭވީއާއެކު މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މޮރިޝަސްއަކީ ދުނިޔޭގެ ފެންވަރުގެ ފަރުތަކާއި ކަނޑުގެ ދިރުންތައް ލިބިފައިވާ ގައުމެއް ކަމަށްވާއިރު މި ދިރުންތަކަށް މި ކާރިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. މިކަމުގެ ސަބަބުން އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ޓޭންކަރުން ލީކުވި ތެޔޮ ވަނީ 27 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.