އެމެރިކާގެ ސަރުކާރުން މަޝްހޫރު މެސެޖިން އެޕް ވީޗެޓް ބޭންކޮށްފިނަމަ އެ ކުންފުންޏަށް ވުރެ ބޮޑު ގެއްލުމެއް ވާނީ އެޕަލްއަށް ކަމަށް އެ ކުންފުނީގެ ޕޭރެންޓް ކުންފުނި ޓެންސެންޓުން ބުނެފިއެވެ. 

ވީޗެޓް ބޭނުންކުރާ އެއް ބިލިއަން މީހުން ދުނިޔޭގައި އުޅޭއިރު އޭގެ ތެރެއިން އެމެރިކާގެ މާކެޓަކީ އެންމެ ދެ އިންސައްތައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ވީޗެޓާއެކު ވިޔަފާރިކުރުން ހުއްޓާލުމަށް އެމެރިކާގެ ކުންފުނިތަކަށް އަންގަވާފައެވެ. އެމަނިކުފާނު ނެރުއްވި އެގްޒެކެޓިވް އޯޑަރގައި ވަނީ ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި އެގޮތަށް އަމަލުކުރުމަށް އެމެރިކާގެ ވިޔަފާރިތަކަށް އަންގަވާފައެވެ. 

މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ވީޗެޓްގެ ޕޭރެންޓް ކުންފުނި ކަމަށްވާ ޓެންސެންޓްގެ ޗީފް ސްޓެރެޓެޖީ އޮފިސަރ ޖޭމްސް މިޗެލް ވިދާޅުވީ 2019 ވަނައަހަރު ޓްރަމްޕް ނެރުއްވި އެގްޒެކެޓިވް އޯޑަރާއި އެންމެފަހުން ނެރުއްވި އެގްޒެކެޓިވް އޯޑަރަކީ އެމެރިކާގެ ގާނޫނުތަކުގެ ދަށުން ނެރުއްވާފައިވާ އޯޑަރުތަކެއް ކަމަށް ވުމާއެކު އޭގެ ސަބަބުން އެ ކުންފުނިން ޗައިނާގެ މާކެޓްގައި ކުރާ ވިޔަފާރިއަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. 

ހޯމަ ދުވަހު ޓެންސެންޓުން އާއްމުކުރި ރިޕޯޓްތަކަށް ބަލާއިރު އެ ކުންފުނީގެ ދެވަނަ ކުއާޓަރގެ އާމްދަނީ ވަނީ 37 އިންސައްތަ އިތުރު ވެފައެވެ. 

މި އޯޑަރާއެކު އެޕަލްގެ ފޯނުތަކަށް ވީޗެޓްގެ އިތުރުން ޗައިނާއަށް ނިސްބަތްވާ އެހެނިހެން މެސެޖިން އެޕްތައް ވެސް އިންސްޓޯލެއް ނުކުރެވޭނެއެވެ. މީގެ ސަބަބުން އެޕަލްއަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ބްލޫމްބާގްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާ މާކެޓަކީ އެޕަލްއަށް އަހަރެއްގެ މައްޗަށް 44 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ މާކެޓެކެވެ. 

ރައީސް ޓްރަމްޕް އަންނަނީ ޗައިނާގެ އެޕްތަކުން އެމެރިކާގެ ގައުމީ ސަލާމަތަށާއި ޚާރިޖީ ސިޔާސަތަށާއި އިގްތިޞާދަށް ގެއްލުންވަމުންދާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެން ނަމަވެސް ރައީސް ޓްރަމްޕެގެ މިފަދަ ނިންމުތަކުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންދާ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *