ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އެމްޑީޕީން ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: އެމްޑީޕީ / ސޯޝަލް މީޑިއާ

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ވިޔަފާރިކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ގަވައިދެއް އެކުލަވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށާއި، ކައުންސިލްގެ ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" އެކުލަވާލައި ގެޒެޓުކުރެވިފައިވާނެ ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި މި ގަވާއިދުގެ ދަށުން، އެއް ކައުންސިލުން ނުވަތަ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލުތަކުން ގުޅިގެން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ފުރުޞަތު ލިބިގެންދާނެ އެވެ. އަދި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެ އެވެ.

ގަވައިދުގައިވާ ކަންކަން ހާމަކޮށް މިނިސްޓްރީން އިތުރަށް ބުނީ އަމިއްލަ ފަރާތްތަކާއިއެކު، ވިޔަފާރިކުރުމަށް އެދި ހުށަހަޅާއިރު، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ހިނގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމާއި، ވަޒީފާ އުފެދޭނެ މިންވަރު ބެލުމާއި، އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު ދެނެގަތުން ފަދަ ކަންކަމަށް ރިޢާޔަތްކޮށް، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި، އަމިއްލަ ފަރާތަކާއިއެކު ވިޔަފާރިކުރުމަށް އެދޭނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާ ނިންމުން ހުށަހެޅުމަށް ކައުންސިލްތަކަށް ލާޒިމުކުރެވިފައިވާނެކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދަން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނަންޖެހެނީ، %20 އަށް ވުރެ އިތުރުނުވާނެ މިންވަރަށްކަމަށްވެސް ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މިހާރު ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރިތަކުގެ ތެރެއިން، ކައުންސިލުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާނަމަ، ކުރިއަށް އޮތް 9 މަސް ދުވަހުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހެ އެވެ. އަދި މި ގަވައިދުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދަން ފުރުޞަތު ލިބުމުން، ދިވެހިރާއްޖޭގެ އިޤްތިޞާދު ލާމަރުކަޒީކުރެވި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިނާޢަތްތައް ތަރައްޤީކުރުމަށް ކައުންސިލުތައް ބާރުވެރިކުރެވި، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެން ދުވަހުން ފެށިގެން އެމަނިކުފާނު އަންނަނީ ލާމަރުކަޒީ ނިޒާމް ހަަރުދަނާކުރުމަށް ގިނަ ބަދަލުތަކެއް ގެންނަވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.