ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސްގެ ޕީއެސްޖީއިން ކަށަވަރުކޮށްފިއެވެ. 

ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު ކުއާޓާ ފައިނަލްގައި އެޓަލާންޓާ އަތުން ޕީއެސްޖީ މޮޅުވީ ފަހުވަގުތު ޖެހި ދެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ. 

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެޓަލާންޓާއަށް ޖަހައިދިނީ އެޓީމުގެ ފޯވާޑް މާރިއޯ ޕަސަލިޗްއެވެ. މި ހާފުގައި ޕީއެސްޖީގެ ތަރި ނޭމާއަށް ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާއަށް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. 

ދެވަނަ ހާފުގައި ނަތީޖާ ބަދަލުކުރުމަށް ޕީއެސްޖީއިން އިތުރު މަސައްކަތްތަކެއް ކުރިއިރު އެޓީމުން ވަނީ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ވެސް ކުޅެން އަރުވާފައެވެ. ފުލުފުލުގައި ޕީއެސްޖީއިން ހަމަލާ އުފައްދަމުންދިޔައިރު އެޓަލާންޓާއިން ވެސް ދިޔައީ ކައުންޓާ އެޓޭކުގައި ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ޕީއެސްޖީއަށް އެޓަލާންޓާގެ ގޯލު މެޗުގެ 90 ވަނަ މިނެޓުގައި ހުޅުވައިދިނީ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސްއެވެ. ޕީއެސްޖީ މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޕީއެސްޖީއަށް ޖަހައިދިނީ އެރިކް ޗޫޕޯ މޯޓިންއެވެ. 

ސެމީ ފައިނަލް މެޗުގައި ޕީއެސްޖީ ވާދަކުރަން ޖެހޭނީ ޖަރުމަނުގެ ލީޕްޒީގް އަދި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.