މާޗް މަހުގެ ފަހުކޮޅު ގިނަ ބައެއްގެ ސަމާލުކަމަށް އައީ، ދުނިޔޭގެ އެންމެ ބޮޑު އެއް އާގުބޯޓު ކަމަށްވާ "އެވަރ ގިވަން" މިސްރުގެ ސުއޭޒް ކެނަލް އަށް ބީހި، އެތައް ބިލިއަން ޑޮލަރެއްގެ މުދާ ތާށިވި ޚަބަރެވެ. އެފްރިކާ ބައްރުގެ ތެރެއިން ޔޫރަޕާއި އޭޝިއާ އާދެމެދު ދަތުރު ކުރުމަށް ކަނޑާފައިވާ މިމަގު ބަންދުވެ، އެތައް ސަތޭކަ ބޯޓަކަށް ދަތުރު ނުކުރެވި ތާށިވިއެވެ.

ބީހުނު އާގުބޯޓު ފުންކޮށް ސުއޭޒް ކެނަލް އަލުން ހުޅުވާލާފައިވާއިރު، މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީ އިން ވަނީ، ބޯޓު ބީހުމާއި ގުޅިގެން ދަތުރު ނުކުރެވި ހުރި ހުރިހާ ބޯޓެއް ސުއޭޒް ކެނަލް ހުރަސްކޮށް "ބެކްލޮގް" ކްލިއަރ ވެއްޖެކަން ހާމަކޮށްފައެވެ.

އެހެންނަމަވެސް، މިހާރު އަނެއްކާވެސް އެކަމާއި ގުޅުން ހުރި އެހެން ވާހަކައެކެވެ. އާގުބޯޓު "އެވަރ ގިވަން" ބީހުނު މައްސަލައިގެ އިލްޒާމް، މިސްރުގެ އެންމެ ފުރަތަމަ އަންހެން އާގުބޯޓު ކެޕްޓަންގެ ބޮލުގައި އެޅުވީއެވެ. އާގުބޯޓު ބީހުނު މައްސަލައިގެ އިލްޒާމް އެޅިގެން ދިޔައީ އުމުރުން 29 އަހަރުގެ މަރުވާ އެލްސެލޭދަރގެ ބޮލުގައެވެ.

ސޯޝަލް މީޑިއާގައި މިމައްސަލަ މަރްވާގެ ބޮލަށް 'ކަނޑާލި' އިރު، ހާދިސާ ހިނގި ވަގުތު އޭނާ ހުރީ އެތައް ސަތޭކަ މޭލެއް ދުރުގައެވެ.

މިހާދިސާ ހިނގި ވަގުތު އޭނާ މަސައްކަތް ކުރަމުން ދިޔައީ ސުއޭޒް ކެނަލް އާ 370 ކިލޯމީޓަރު ދުރުގައި މިސްރުގެ އެލެގްޒެންޑްރިއާގައި އޮތް މަނަވަރު އެއިޑާ 4 ގައެވެ. މިސްރުގެ މެރިޓައިމް ސޭފްޓީ އޮތޯރިޓީ އަށް ނިސްބަތްވާ މި ބޯޓަކީ، ރަތްކަނޑުގެ ލައިޓްހައުސް އަކަށް ސަޕްލައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ބޯޓެކެވެ. މީގެ އިތުރުން އަރަބް ލީގުން ހިންގާ ސަރަހައްދީ ޔުނިވަރސިޓީ، އަރަބް އެކަޑަމީ ފޯ ސައިންސް، ޓެކްނޮލޮޖީ އެންޑް މެރިޓައިމް ޓްރާންސްޕޯޓްގެ ދަރިވަރުން ތަމްރީން ކުރުމަށްވެސް މިބޯޓު ބޭނުން ކުރެއެވެ. ސުއޭޒް ކެނަލްއަށް ބޯޓު ބީހުނު މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މިހާދިސާގައި މަރުވާގެ އަތެއް ނެތްކަން ވަރަށް ރަނގަޅަށް ސާފުވެއެވެ.

މަރުވާގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވިގެންދިއުމާއެކު ނޫސްތަކުގެ ފަލަސުރުޙީއަށް އެރުން ވެގެންދިޔައީ ދޮގު ހަބަރުތައް ހަލުވިކޮށް ފެތުރުމަށް މެދުވެރިވި އެއް ސަބަބަށެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އެތައް ފޭކް އެކައުންޓްތަކަކުން ވަނީ މަރުވާގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި ވާހަކަ ފަތުރާފައެވެ. މަރުވާ ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި އޭނާއަށް މި ނަފުރަތު އަމާޒުވެގެންދިޔައީ އޭނާގެ މަސައްކަތުގެ ދާއިރާގައި ކާމިޔާބު އަންހެނަކަށްވުމުން ނުވަތަ މިސްރު މީހަކަށްވުމުން ކަމަށް ޤަބޫލުކުރެވެއެވެ. މިފަދަ ދޮގު ޙަބަރުތަކުގެ ސަބަބުން އޭނާ މިހިސާބަށް އައުމަށް ކުރި ބުރަ މަސައްކަތުން ހޯދި ކުރިއެރުންތަކާއި އިއްޒަތަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށް އޭނާ ފާހަގަކުރިއެވެ.

މަރުވާ އަކީ ފިރިހެނުންގެ ބޮޑު ހިއްސާއެއް އޮންނަ ބޯޓުދަތުރުކުރުމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ މަދު އަންހެނުންގެ ތެރެއިން އެކެކެވެ. 2016 ވަނަ އަހަރު މަރުވާ ވެގެންދިޔައީ ސުއޭޒް ކެނަލް ހުރަސްކުރި އެންމެ ޒުވާން އަދި މިސްރުގެ ފުރަތަމަ އަންހެން ކެޕްޓަންއަށެވެ.

މަރުވާގެ އުއްމީދަކީ ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި ގިނަ އަންހެނުން މިދާއިރާއަށް ނުކުމެ މަސައްކަތްކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.