ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުތައް ފުއްދުމުގެ މަސައްކަތުގައި އެންމެ ހަރަކާތްތެރިކޮށް އުޅުއްވާ އެއް މިނިސްޓަރެވެ. ޕާޓީއާއި މަޖިލިސް މެންބަރުންނާއި ގާތްގުޅުމެއް ބާއްވަވައެވެ. ސަރުކާރާއި ޕާޓީގެ ދިފާއުގައި އެންމެ ކުރީ ސަފުގައެވެ. ސަރުކާރާއި އަމާޒުވާ ކޮންމެ ތީރަކާއި ކުރިމަތިލައްވައެވެ. ހަވާލުކުރައްވާފައިވާ ޒިންމާ ފުރިހަމައަށް އަދާކުރައްވައެވެ. ނަތީޖާ ސައްތައެވެ. މިއީ ދެން ކޮން ކަމެއް ހެއްޔެވެ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ އަޑުއިވުމާއެކު ހައިރާންކަން ގެނުވީ މިހެންވެގެންނެވެ. ބަރާބަރަށް ނަތީޖާ ދައްކަވަމުން، މެންބަރުންނާއި ގާތްގުޅުމެއް ބާއްވަމުންދާއިރު ކުއްލި ތޫފާނެއް ބޯމަތި މިވީ ކީއްވެބާއޭ ސުވާލުކޮށްލެވެނީވެސް ހަމަ މިހެންވެގެންނެވެ.

ފައްޔާޒު ފާހަގަކުރެވިފައިވަނީ ކަން އޮންނަ ގޮތަށް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. ބަޔަކު ރުހުނަސް ނުރުހުނަސް އެކަމެއް އޮންނަ ގޮތަށް ވިދާޅުވާކަމީ ފައްޔާޒުގެ އެންމެ ވަރުގަދަ ކޮލިޓީއެވެ. ބަޔަކު މީހުންނަށް ކަމު ނުގޮސްފާނެއެވެ. ސަބަބަކީ ބައެއް މީހުންނަކީ، އެމީހުންނަށް އަޑު އަހަން އެންމެ ފަސޭހަކޮށް، ގަބޫލުކުރަން ބޭނުންވާ ގޮތަށް ވާހަކަ ދައްކާ މީހުން ކަމުދާ ބަޔަކަށް ވާތީއެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައިގެން މިއުޅެނީ މިހެންވެގެން ކަމަށްވެސް ވެދާނެއެވެ.

ފައްޔާޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަވެގެންދަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދޫދެއްވުމެއް ނެތި ގެންގުޅުއްވާ ސިޔާސަތެވެ. މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް އަތްލާން ނުކެރި ނޫނީ ނުކުރެވި އޮތް ކަމެކެވެ. ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ފުރުސަތު ހުޅުވާލައްވައި ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތްތަކެކެވެ. ގާނޫނާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގައި އެހެން އެއްވެސް އިކޮނޮމިކް މިނިސްޓަރަކަށް ނުކުރެވޭހާ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރައްވާފައިވާކަމީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ.

ސަރުކާރާ ކުރިމަތިވާ ކޮންމެ ގޮންޖެހުމެއް އަދި ހަމަލާއަކާ ކުރިމަތިލައްވައި ދިފާއުކުރެއްވުމުގައި މަސައްކަތް ކުރައްވާ ކަމަށް މައްސަލަ ވައްދަން އުޅޭ މެންބަރުންވެސް ގަބޫލުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒުކުރެއްވުމުގައި އަތްކުރި އޮޅާލައްވައިގެން، އަވަދިނެތި އުޅުއްވާކަން ގަބޫލުކުރެއެވެ. ޕާޓީއާއި މެންބަރުންނާއި ގާތްގުޅުމެއް ބާއްވާކަންވެސް ގަބޫލުކުރެއެވެ. މަސައްކަތުގެ ދާއިރާއާ ގުޅުންހުރި ފައްޔާޒުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ގާބުލުކުރެއެވެ.

ދެން މިއީ ކޮން ކަމެއް ހެއްޔެވެ؟ ހަމަ ޔަގީނުންވެސް މިއީ ފައްޔާޒުއާ ހަވާލުކުރައްވާފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރައްވައިގެން ނުވަތަ ގާނޫނަކާއި ގަވާއިދަކާ ޚިލާފުވެގެން ކުރަންއުޅޭ ކަމެއް ނޫނެވެ. ގައުމުގެ އިގްތިސާދު މިހާލަތުގައި އޮތްވައި ކުރަން މިއުޅެނީ އެހެން ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *