ކުރިމިނަލް ކޯޓުން ކުރި ހުކުމްއާ އެއްގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތަށް ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް މީރާއަށް އެޓާނީ ޖެނަރަލް އޮފީހުން އަންގައިފިއެވެ. 

ޔާމީން ޖޫރިމަނާކޮށްފައިވަނީ ފަސް މިލިއަން ޑޮލަރުންނެވެ. އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގިއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ފައިސާ ދައްކާފައެއް ނުވެއެވެ. 

އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުއްދަތުގެ ތެރޭގައި ޔާމީންގެ ފަރާތުން ފައިސާ ދައްކާފައިނުވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުޞޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތް ޖޫރިމަނާކޮށް ޙުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށްދައްކަންޖެހޭ ފައިސާ ހޯދާ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްޢޫލިއްޔަތެއްކަމުގައި ވާތީ، އެކަން ވާނީ އެ އިދާރާއާ ހިއްސާކޮށްފައިވާނެ ކަމަށް ބަޔާނުގައިވެއެވެ. 

ރައީސް ޔާމީންގެ މި މައްސަލާގެ އިސްތިއުނާފު މިހާރު ހައިކޯޓުގައި ކުރިއަށްދެއެވެ. އެ މައްސަލާގެ ޝަރީއަތުގައި ޔާމީން ވަނީ ޖަލުގައި ހުންނަވައިގެން ފައިސާ ނުދެއްކެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްތިއުނާފު އޮތްވައި ފައިސާ ދައްކަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *