ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްއަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

ކުރީ ސަރުކާރުގެ އެންމެ ފުރަތަމަ ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޖިހާދު ވަނީ ލޮކްޑައުންގެ ތެރޭގައި ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފައެވެ. އޭނާގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާކަން ޖަޒީރާއަށް އިތުބާރު ހުރި ފަރާތަކުން ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ. 

ޖިހާދަށް މީގެކުރިން ވެސް ވަނީ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައެވެ. ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބުނެ މިލިއަނަކަށް ވުރެ ގިނަ ރުފާއިން ބަދަލު ހޯދަން ދައުވާކޮށްފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވުމުން ވެސް ނައިބު ރައީސްގެ ހައިސިއްޔަތުން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖެއްސި ރެހެންދި ފްލެޓް ހުސްކުރަން ދައުލަތުން ޖިހާދަށް އެންގުމުން ވެސް އެތަން ހުސް ނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން ޖިހާދު އެތަން ބޭނުން ކުރެއްވި މައްސަލާގައެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ މެންބަރު އިބްރާހިމް ޝަކީލް ވިދާޅުވެފައިވަނީ ކުރީ ސަރުކާރުގެ ކެބިނެޓްގެ މިނިސްޓަރަކަށް ދައުވާ ކުރަން ފޮނުވުމަށް އޭސީސީއިން ތައްޔާރުވަމުންދާ ކަމަށެވެ. 

އެ މައްސަލަ އަންނަ ބުރާސްފަތި ދުވަހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި އެ މިނިސްޓަރަކީ ކޮބައި ކަމެއް ވެސް ޝަކީލް ވެސް ކޮމިޓީގައި ވިދާޅެއް ނުވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައަކީ ކުރީގެ އޭސީސީ މެންބަރުން ކޮރަޕްޝަން ނެތް މައްސަލައެއްގެ ގޮތުގައި ނިންމާފައި އޮތް މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ އޭސީސީއިން އަލުން ރިވިއުކޮށް ބަލަމުން ގެންދަނީ އެވެ. އެފަދަ އިތުރު މައްސަލައެއް ވެސް އަންނަ ހަފުތާ ތެރޭގައި ދައުވާ ކުރަން ފޮނުވޭވަރު ކަމަށް ޝަކީލް މިއަދު ވިދާޅުވިއެވެ. 

ޝަކީލް އިތުރަށް ވިދާޅުވި ގޮތުގައި ކޮމިޝަނުން ބަލަމުންދާ 18 މައްސަލައެއްގެ ދައުވާ ކުރަން ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަތް މައްސަލައެއް މި މަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.