އާންމުންގެ ތެރޭގައި މަޤްބޫލުކަން ހޯދި ނެޓްފްލިކްސް ސީރީޒް ބްރިޖަޓަންގެ ދެވަނަ ސީޒަންއެއް ފެނިގެންދާނެކަމަށް މިއަހަރުގެ ޖެނުއަރީ މަހު އިއުލާން ކޮށްފައިވާއިރު މިސީރީޒްގައި ޑިއުކް އޮފް ހޭސްޓިންސް, ސައިމަން ބެސެޓްގެ ރޯލުން ފެނިގެންދިޔަ ރެގޭ-ޖޯން ޕޭޖް ދެވަނަ ސީޒަންއިން ނުފެންނާނެކަމަށް ވަނީ ހާމަކޮށްފައެވެ.

ބްރިޖަޓަންގެ ޓުވިޓާ އެކައުންޓުން މި ޙަބަރު އިއުލާންކޮށްފައިވަނީ ސީރީޒްގައި ފެނިގެންދިޔަ ލޭޑީ ވިސްލްޑައުންގެ ނޯޓެއްގެ ގޮތުގައެވެ.

ބްރިޖަޓަން ސީރީޒްއަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވުމާއެކު ރެގޭ-ޖޯން ވެގެންދިޔައީ އެތައް ބައެއްގެ ސަމާލުކަމަށް އައި ފަންނާނަކަށެވެ. މީގެ އިތުރުން ބްރިޖަޓަން ސީރީޒްގައި ރެގޭ-ޖޯން އަދާކުރި ރޯލުން އޭނާއަށް ވަނީ އެންއޭއޭސީޕީ އެވޯޑެއް ލިބިފައެވެ. ބްރިޖަޓަން ސީރީޒްގައި މަސައްކަތް ކުރަން ނިންމި މައިގަނޑު ސަބަބަކީ މަދު ވަގުތުކޮޅެއްގައި މަސައްކަތްކޮށް ނިންމާލެވުންކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ބްރިޖަޓަންގެ ދެވަނަ ސީޒަން ބޮޑަށް އަމާޒުކޮށްފައިވަނީ ލޯޑް އެންތޮނީ ބްރިޖަޓަން އޭނާގެ ލޯބިވެރިޔާ ހޯދުމަށެވެ.  އެންތޮނީގެ ލޯބިވެރިޔާ ކޭޓްގެ ރޯލުން ފެނިގެންދަނީ ސައިމަން އޭޝްލީއެވެ.

ބްރިޖަޓަން އަކީ 2000 ވަނަ އަހަރު ޖޫލިއާ ކުއިން ލިޔެފައިވާ ލޯބީގެ ވާހަކަ "ދަ ޑޫކް އެންޑް އައި"ގެ މައްޗަށް ބިނާކޮށްފައިވާ ސީރިޒްއެކެވެ. ބްރިޖަޓަންގެ ފުރަތަމަ ސީޒަންއިން ދައްކުވައިދެނީ ބްރިޖަޓަން އާއިލާގެ ޑެފްނީ އާއި ޑިއުކް ސައިމަން ބެސެޓް ދެމެދުގައި ހިނގާ ލޯބީގެ ގުޅުމުގައި ދިމާވާ ދަތިތަކެވެ. ރެގޭ-ޖޯން ޕޭޖް ދެވަނަ ސީޒަން އިން ފެނިގެންނުދިޔަނަމަވެސް ޑެފްނީގެ ރޯލުން ފެނިގެންދިޔަ ފީބީ ޑައިނެވާ ވަނީ އޭނާގެ ރޯލު އަލުން އަދާކުރުމަށް ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.