މި ސީޒަނަށްފަހު މެންޗެސްޓަރ ސިޓީ ދޫކޮށްލާނެކަން ހާމަކޮށްފައިވާ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ސޮއި ސްޕެއިންގެ ބާސެލޯނާއިން ހޯދުން ވެގެންދާނީ ލިއޮނެލް މެސީ އެޓީމުގައި މަޑުކުރާނެ ކަމެއް ކަމަށް ދެކޭ ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފިއެވެ.

ރިވާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ބާސާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އެތިހާދު ސްޓޭޑިއަމްގައި 10 އަހަރު މެންޗެސްޓަރ ސިޓީއާއެކު ހޭދަކުރި އަގުއޭރޯގެ އޭނާގެ ހަޔާތުގެ އެ ޗެޕްޓަރގެ ފަރުދާ ކަހާލުމަށްފަހު އައު ކްލަބަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު އޭނާ ހޯދުމަށް ޔޫރަޕުގެ ބޮޑު ޓީމުތަކުން މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ބާސެލޯނާ ވެސް ހިމެނެއެވެ.

އަގުއޭރޯގެ ސޮއި ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ހޯދުން ވެގެންދާނީ ބާސާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނަމުން ރިވާލްޑޯ ވަނީ ލުއިސް ސުއަރޭޒް ނެތުމާއި ގުޅިގެން ފުރަތަމަ އެގާރައިން އަގުއޭރޯއަށް ވަގުތުން ޖާގަ ލިބިގެންދާނެ ކަމަށް ބުނެފައެވެ. އަދި އަގުއޭރޯ ގެނައުން ވެގެންދާނީ މެސީ މަޑުކުރުމަށް އެ ކްލަބްގެ އައު ރައީސް ޔޮއާން ލަޕޯޓާ ކުރަމުންދާ މަސައްކަތް ކާމިޔާބުކުރުމަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ރިވާލްޑޯ ވަނީ ސިފަކޮށްފައެވެ.

މެމްފިސް ޑިޕޭ އަދި އާލިން ބްރައުޓް ހާލަންޑް ވެސް ހޯދުމަށް ބާސާއިން މަސައްކަތްކުރަމުންދާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެ ކުޅުންތެރިންގެ އަގު ބޮޑުވާނެ ކަމަށާއި އެހެންކަމުން ހުރިހާ ކަމަކަށް ވެސް ވިސްނުމަށްފަހު ކޯޗު ރޮނާލްޑް ކޯމަން ގޮތް ނިންމަން ޖެހޭ ކަމަށް ރިވާލްޑޯ ބުންޏެވެ.

މެސީގެ ކޮންޓްރެކްޓްގެ އެންމެފަހު ތިން މަސް ދުވަސް ގުނަމުންދާއިރު އޭނާ ވަނީ މުސްތަގުބަލާއި މެދު ގޮތެއް ނިންމާނީ ސީޒަން އެއްކޮށް ނިމުމުން ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.