ކޮވިޑް 19 އިން ރައްކާތެރިވުމަށް ރަޝިއާއިން އުފެއްދި ވެކްސިން އެގައުމުގެ ހެލްތު މިނިސްޓްރީގައި ރެޖިސްޓަރކޮށް އާއްމުންނަށް ދިނުމަށް ތައްޔާރުވެއްޖެއެވެ. 

މިކަން އިއުލާންކުރައްވަމުން ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން ވިދާޅުވީ ހުރިހާ ޓެސްޓްތަކުން ވެސް ވެކްސިން ފާސްވެފައިވާ ކަމަށާއި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލާފައިވާނީ މި ވެކްސިންއަކީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމަށެވެ. ޕޫޓިންގެ ދެ ދަރިކަނބަލަކަށް ވެސް ވަނީ މި ވެކްސިން ދީފައެވެ. 

މި ވެކްސިން އުފައްދާފައިވަނީ އެގައުމުގެ ގަމާލެޔާ އިންސްޓިޓިއުޓުންނެވެ. މި ވެކްސިންގެ ހިއުމަން ޓްރަޔަލްސް ފެށީ ޖޫން މަހުގެ 17 ވަނަ ދުވަހު 76 ވޮލަންޓިއަރުންނާއެކުއެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އެގައުމުގެ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންނެވެ. 

ރަޝިއާގެ ވުޒާރާތަކުން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ނިންމާފައިވަނީ ސިއްޚީ ހިދުމަތްތެރިންނަށާއި ޓީޗަރުންނަށް އަދި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ވިދާޅުވީ މި މަހުގައި ތެރޭގައި ޑޮކްޓަރުންނަށް މި ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގައުމުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މި ވެކްސިންއާއެކު ކޮވިޑް 19 އިން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ރައްކާތެރިކަން ލިބޭނެއެވެ. ކުރިޔަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ލާޖް ސްކޭލެއްގައި ވެކްސިން އުފައްދަން ފަށާނެ ކަމަށާއި އޮކްޓޯބަރު މަހުގެ ތެރޭގައި އާއްމުކޮށް ވެކްސިން ޖެހޭނެ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ. 

ރަޝިއާއިން މި ވެކްސިން ރެޖިސްޓަރ ކޮށްފައިވަނީ ޓެސްޓް ކުރުމުގެ ތިންވަނަ މަރުހަލާ ފުރިހަމަ ނުކޮށެވެ. އާއްމު ގޮތެއްގައި ޓެސްޓް ކުރުމުގެ ތިންވަނަ މަރުހަލާއަކީ މަދުވެގެން ދެމަސް ދުވަސް ނަގާ މަރުހަލާއެކެވެ. އަދި މި މަރުހަލާގައި އެތައް ހާސް މީހުންނަށް ވެކްސިން ދެއެވެ. ރަޝިއާއިން މި މަރުހަލާ ފުރިހަމަކޮށްފައި ނުވުމާއެކު މި ވެކްސިން ޖަހާ ފަރާތްތަކަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ބައެއް މާހިރުން ވަނީ ބުނެފައެވެ. 

ކޮވިޑާ ދެކޮޅަށް ވެކްސިންއެއް ރަޖިސްޓަރ ކުރި ފުރަތަމަ ގައުމަކަށް ރަޝިއާ ވެގެންގޮސްފައިވާއިރު މިދިޔަ މަހުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ކެނެޑާއިން ވަނީ ހެކަރުން ބޭނުންކޮށްގެން ހުޅަނގުގެ ލެބްތަކުން މައުލޫމާތު ހޯދުމަށް ރަޝިއާއިން މަސައްކަތްކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ. 

ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ވަނީ ހުރިހާ ވެކްސިންއެއް ވެސް ޓެސްޓް ކުރުމުގެ އެންމެހާ މަރުހަލާތައް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.