ރާއްޖެ ނުދަރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެކަމަށް ދިވެހި ދައުލަތް ތައްޔާރުވެފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ރައީސް ނަޝީދު އެހެން ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮވެރިން ޑިޕޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވާ ގުޅިގެންނެވެ. މިއަދު މަޖިލީހުގެ މުޅި ކޮމިޓީއަށް އަމީރު ހާޒިރުކުރި އެވެ. އެ ކޮމިޓީއަށް ކުރީގެ ފިނޭންސް މިނިސްޓަރުން ވެސް ގެނެސް ދައުލަތުގެ ދަރަންޏާ ގުޅޭ ސުވާލުތައް އަމާޒު ކުރި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރީގެ މިނިސްޓަރުންނާއި މިހާރުގެ މިނިސްޓަރު ވެސް ދެއްކެވި ވާހަކަތަކުން ސާފުވި ކަމަކީ ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖް ކުރުމުގެ އެކަށީގެންވާ ގޮތުގައި ކުރެވިފައި ނެތްކަން ކަމަށެވެ. 

2017 ވަނަ އަހަރު ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިންއިން ނެގި 127 މިލިއަން ޑޮލަރަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދިނެވެ. ޗައިނާގެ އެގްޒިމް ބޭންކުން ނެގި އެ ލޯނަށް އެ ކުންފުނިން ބަރާބަރަށް ފައިސާ ދައްކަމުން ދިޔަ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަން އޮތް ފައިސާ ނުދެއްކި އޮތެވެ. އޭގެ އަނެއް ދުވަހު އެ ފައިސާ ދެއްކުމަށް ޗައިނާގެ ބޭންކުން ދައުލަތަށް އެންގި އެވެ. 

ރައީސް ނަޝީދު އެފަދަ އެންގުމެއް ބޭރުގެ މާލީ އިދާރާއަކުން ރާއްޖޭގެ ދައުލަތަށް އެންގި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. މިކަމުން ދަރަނި މެނޭޖް ނުކުރެވޭކަން ފެންނަކަން ވިދާޅުވި އެވެ. 

މިހާރުގެ ފިނޭންސް މިނިސްޓަރު އަމީރަށް އިތުބާރު އެބަ އޮތް ކަމަށާއި ނަމަވެސް ދިމާވެގެން އުޅޭ މައްސަލައަކީ ރަނގަޅަށް ދަރަނި މެނޭޖް ނުކުރެވެމުންދާ މައްސަލަ ކަމަށެވެ. އެފަދަ މައްސަލަތަކުގައި ވަކި ބޭފުޅެއް ދިފާއު ނުކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުގެ ދަރަނިތައް މިހާރު ވެސް ވަރަށް ރަނގަޅަށް މެނޭޖް ކުރަމުންދާ ކަމަށެވެ. އަދި، އެ މަގާމުގައި ހުންނެވިހާ ދުވަހަކު އެކަން ރަނގަޅަށް ކުރައްވަމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިންއިރު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުނައްވަރު ވިދާޅުވީ އެއްވެސް ކަމެއް އުސޫލުތަކާއި ގާނޫނާއި ގަވައިދާ ހިލާފަށް ކޮށްފައިނުވާނެ ކަމަށެވެ. އެ ސޮވެރިން ގެރެންޓީ ވެސް ދީފައިވާނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެކަމުގައި ގޯހެއް ނޯންނާނެ ކަމަށެވެ. އަދި އެކަންކަން ރަނގަޅަށް މެނޭޖް ކުރަމުން ދިޔަކަން ވެސް ފާހަގަ ކުރެއްވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.