ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.

މިއަދު މަޖިލީހުގެ މުޅި ކޮމިޓީއަށް އަމީރު ހާޒިރުކުރި އެވެ. އެ ކޮމިޓީއަށް ކުރީގެ ފިނޭންސް މިނިސްޓަރުން ވެސް ގެނެސް ދައުލަތުގެ ދަރަންޏާ ގުޅޭ ސުވާލުތައް އަމާޒު ކުރި އެވެ. މެންބަރުންގެ ސުވާލުތައް އަމާޒު ކުރެއްވީ ސަން ސިޔާމް މޯލްޑިވްސްއަށް ސަރުކާރުން ދީފައިވާ ލޯނު ޑިފޯލްޓްވުމާ ގުޅިގެންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މީދޫ ދާއިރާގެ މެންބަރު ސަން ސިޔާމްގެ ކުންފުންޏަށް ރައީސް ޔާމީންގެ ވެރިކަމުގައި ސޮވެރިން ގެރެންޓީ ދީފައިވަނީ މޯގޭޖް އެގްރިމެންޓްތައް އޮންނަ އުސޫލުން ކަމަށެވެ. 2017 ވަނަ އަހަރު ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިންއިން ނެގި 127 މިލިއަން ޑޮލަރަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދިނެވެ. 

ޗައިނާގެ އެގްޒިމް ބޭންކުން ނެގި އެ ލޯނަށް އެ ކުންފުނިން ބަރާބަރަށް ފައިސާ ދައްކަމުން ދިޔަ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަން އޮތް ފައިސާ ނުދެއްކި އޮތެވެ. އޭގެ އަނެއް ދުވަހު އެ ފައިސާ ދެއްކުމަށް ޗައިނާގެ ބޭންކުން ދައުލަތަށް އެންގި އެވެ. 

އަމީރު ވިދާޅުވީ ދައުލަތަށް ބޭންކުން އެންގުމާއެކު އެ ކުންފުންޏަށް ފަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެންގި ކަމަށާއި އެ އެންގުމާ އެއްގޮތަށް އެ ކުންފުނިން ފައިސާ ދެއްކި ކަމަށެވެ. ސޮވެރިން ގެރެންޓީ ދީފައިވާ ޕްރޮޖެކްޓްތަކުގެ ސައިޓަށް ދާން ވިސްނި ނަމަވެސް ކޮވިޑާ ގުޅިގެން އެކަން ނުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ސޮވެރިން ދީފައިވާ ކުންފުނިތަކުން ކޮންމެ ކުއާޓާއެއްގައި ވެސް މިނިސްޓްރީއަށް މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ ޕްރޮޖެކްޓް އޮޑިޓް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިންއިރު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުނައްވަރު ވިދާޅުވީ އެއްވެސް ކަމެއް އުސޫލުތަކާއި ގާނޫނާއި ގަވައިދާ ހިލާފަށް ކޮށްފައިނުވާނެ ކަމަށެވެ. އެ ސޮވެރިން ގެރެންޓީ ވެސް ދީފައިވާނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެކަމުގައި ގޯހެއް ނޯންނާނެ ކަމަށެވެ. އަދި އެކަންކަން ރަނގަޅަށް މެނޭޖް ކުރަމުން ދިޔަކަން ވެސް ފާހަގަ ކުރެއްވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.