ގުޅީފަޅުން ގެދޮރަށް ހާއްސަ ކުރަން ނިންމާފައިވާ ކިހާ ބިމެއް ކަމާއި އެކަމަށް އޮތް ޕްލޭނަކީ ކޮބައިތޯ ބެލުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބާމެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފި އެވެ. 

މަޖިލީހުގައި މިނިސްޓަރާ މިއަދު ގިނަ މެންބަރުންތަކެއް ސުވާލުތައް އަމާޒު ކުރެއްވި އެވެ. އޭގެ ތެރެއިން ގިނަ މެންބަރުން ކުރެއްވި ސުވާލުތަކަށް ސީދާ ސާފު ޖަވާބެއް ނުދެއްވާތީ، ސުވާލު އިތުރަށް ސާފުކޮށް ދެއްވައި ރައީސް ނަޝީދު ތަފްސީލް ވެސް ކޮށް ދެއްވަމުން ގެންދެވި އެވެ. އަދި މިނިސްޓަރު ސާފު ޖަވާބު ދެއްވުމަށް އެދިވަޑައިގަންނަވަމުން ގެންދެވި އެވެ. 

ގުޅީފަޅުގެ ޕްލޭނާ ގުޅޭ ގޮތުން އިމްތިޔާޒު ސުވާލު ކުރެއްވުމާއެކު، އެ ސުވާލު ރައީސް ނަޝީދު ސާފު ކުރައްވައި މާލޭގައި ދިރިއުޅޭ މީހުންނަށް ގުޅީފަޅުން ގެދޮރު ލިބޭނެތޯ އެއްސެވި އެވެ. ޖަވާބު ފެއްޓެވުމަށް މިނިސްޓަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީއަކާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

އެއާއެކު މިނިސްޓަރު އަސްލަމް ހުއްޓުވައި ސާފު ޖަވާބެއް އެ ސުވާލަށް ދެއްވުމަށް ރައީސް ނަޝީދު އެންގެވި އެވެ. ރައީސް ނަޝީދު ވަރަށް ނުރުހުމާއެކު ވިދާޅުވީ ގުޅީފަޅުގެ ޕްލޭން މިހާރު ރައްޔިތުންނަށް އެނގެން އޮންނަން ޖެހޭ ކަމަށެވެ. ގެދޮރު ދޭނެ ކަމާއި އޭގެ ސާފު މައުލޫމާތު އެނގޭނެ ޕްލޭނެއް އޮންނަން ޖެހޭ ކަމަށެވެ. 

އަސްލަމް ވިދާޅުވީ ޕްލޭނެއް އެކުލަވާލެވިފައި އެބަ އޮތް ކަމަށެވެ. ނަމަވެސް އަނެއްކާވެސް ރައީސް ނަޝީދު، އަސްލަމް ހުއްޓުވައި ވިދާޅުވީ ޕްލޭނެއް އޮތް ކަމަށް ވާނީ އެ ފެންނާނެ ގޮތަށް ޝާއިއުވެފައި އޮތުމުން ކަމަށެވެ. ނޫންނަމަ ވާނީ ޑްރާފްޓަކަށް ކަމަށެވެ. ދެން އަސްލަމް ވިދާޅުވީ ޕްލޭން ފައިނަލް ނުކުރެވި ވަނީ ގުޅީފަޅުގެ ގިނަ މަސައްކަތްތަކެއް އޭގައި ހިމަނަން ޖެހޭތީ ކަމަށެވެ. 

އެހެންނަމަވެސް މިހާރު ގެދޮރު ދިނުމަށް ކަނޑައަޅާފައިވާ މިންވަރު މަދުވެގެން ނުދާނެ ކަމަށާއި ޕްލޭން އެއްކޮށް ފައިނަލްވެގެން އަންނައިރު އެ މިންވަރު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. 

މިނިސްޓަރު އަސްލަމް ހުއްޓުވައި، ރައީސް ނަޝީދު ސުވާލު ކުރައްވަމުން ގެންދެވުމުން މަރަދޫ ދާއިރާގެ މެންބަރު ޝަރީފް ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. ނަމަވެސް އެ ވާހަކަތައް ދެއްކުމަށް ރައީސް ނަޝީދު ފުރުސަތެއް ނުދެއްވި އެވެ. އެއާއެކު ޝަރީފް ވަނީ މަޖިލީހުގައި އަޑުގަދަ ކުރައްވާފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ސާފު ޖަވާބު ނުދެއްވާނަމަ އެކަން ފާހަގަ ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސަތު ތަފާތު ވަނީ އެހެންވެ ކަމަށާއި އެމަނިކުފާނު ރިޔާސަތުގައި އިންނަވާ ހިނދަކު ކުރިއަށް ގެންދަވާނީ އެގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *