ސްރީ ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ އެގައުމުގެ އާއްމު އިންތިހާބު ކާމިޔާބު ކުރި ސްރީ ލަންކާ ޕީޕަލްސް ފްރޮންޓްގެ ލީޑަރު މަހިންދަ ރާޖަޕަކްސާ ކުރައްވައިފިއެވެ. 

އެމަނިކުފާނު ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. މިއީ ބޮޑުވަޒީރު ކަމުގެ ހުވާ ރާޖަޕަކްސާ ކުރެއްވި ހަތަރު ވަނަ ފަހަރު ކަމަށްވާއިރު އެމަނިކުފާނު ވަނީ ދެފަހަރެއްގެ މަތިން ލަންކާގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައެވެ. 

މި އިންތިހާބުގައި 5 ލައްކައަށްވުރެ ގިނަ ވޯޓާއެކު ރާޖަޕަކްސާ އިންތިހާބުވެވަޑައިގެންނެވިއިރު އެމަނިކުފާނު ވެގެންގޮސްފައިވަނީ ލަންކާގެ ތާރީހުގައި ވެސް އެންމެ ގިނަ ވޯޓާއެކު ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ކެންޑިޑޭޓަށެވެ. 

އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު ބޭއްވި ލަންކާގެ އާއްމު އިންތިހާބުގައި ރާޖަޕަކްސާގެ ޕާޓީއިން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. ގާނޫނު ހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން ރާޖަޕަކްސާގެ ޕާޓީއިން 125 ގޮނޑި ކާމިޔާބުކުރިއިރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާއެކު އެ ޕާޓީއަށް ވަނީ 150 ގޮނޑި ލިބިފައެވެ. 

ކެބިނެޓް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުން ހޯމަ ދުވަހުގެ ވަގުތެއްގައި ހުވާކުރައްވާނެއެވެ. 

ބޮޑުވަޒީރު ކަމުގެ ހުވާ ރާޖަޕަކްސާ ކުރެއްވިއިރު މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވަނީ އެމަނިކުފާނުގެ ކޮއްކޮ ގޯޓާބަޔަ ރާޖަޕަކްސާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.