ވައްޓަފާޅި

ފަހުވަގުތަށް ނިންމަށް ބެހެއްޓި މަސައްކަތް ނިންމުނުތަ؟

ގެއަށް ނިންމަންދޭ ކޮލެޖް އެސައިމެންޓެއް, ސްކޫލް ހޯމްވޯކެއް ނުވަތަ އިމްތިޙާނަށް ތައްޔާރުވާންވިޔަސް ގިނަ ބަޔަކުގެ ނިންމާނީ އެންމެ ފަހުވަގުތަށް ވީމައޭ ބުނުމުން ދޮގަކަށްނުވާނެއެވެ. މިއީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ.

ހަފްތާއެއް ނުވަތަ މަހެއް ކުރިންވެސް މަސައްކަތް ހަވާލުކުރިކަމުގައިވިޔަސް އެ މަސައްކަތް ހަދަން ފަށާނީ ނިންމަންޖެހޭ ދުވަހުގެ އެއްދުވަސް ކުރިންނެވެ.

މިއީ އެންމެންގެ ވާހަކައެއް ނޫން ކަމުގައިވިޔަސް ގިނަ ދިވެހިންގެ ވާހަކައެވެ. ބައެއް މީހުންނަކީ ނިންމަންޖެހޭ މަސައްކަތްތަކަށް ކުރިޔާލައި ތައްޔާރުވެ ވަރަށް ފަރުވާތެރިކަމާއެކު އެމަސައްކަތް ނިންމާ ބައެކެވެ. ނަމަވެސް ފަހަށް މަސައްކަތް ނިންމަން ބަހައްޓައިގެން ގިނަ މީހުން ތިބެނީ ފަހުވަގުތު ގޮތް ހުސްވެފައެވެ.

އެންމެ ފުރަތަމަ ކަމަކަށް ގިނަ ބައެއް ގެންގުޅޭ އާދައަކީ މަސައްކަތް ފެށުމުގެ ކުރިން މޭޒުމަތި ސާފުކޮށް ގަލަންތަކާ ބޭނުންވާ އިތުރު ސާމާނު މޭޒުމަތީގައި ރީތިކޮށް އަތުރާލާނެއެވެ. އެސައިންމެންޓް ހަދަން ނުވަތަ އިމްތިޙާނަށް ތައްޔާރުވަން އާ ގަލަމާ ފަތިގަނޑާ ގަނެގެން އައިސް މޭޒުމަތީގައި ރީއްޗަށް ބަހައްޓާނެއެވެ. ދެން ފޮތް ހުޅުވާލުމަށްފަހު ބައެއް މީހުންނަކީ މުހިންމު ތަންތަންކޮޅު ހައިލައިޓްކުރުމުގައި މުޅި ފޮތް ހައިލައިޓް ކޮށްލާ މީހުންނެވެ. ކޮންމެއަކަސް މިއީ މަސައްކަތް ފެށޭ ގޮތެވެ.

މިގޮތުން ކުޑަވަގުތުކޮޅެއް ވަންދެން ފޮތް ކިޔާލުމަށްފަހު ދެން ބޭނުންވާނީ ޓީވީ ބަލަން ނުވަތަ ނެޓްފްލިކްސް އިން އެވަގުތަކު ބަލާ ސީރީޒެއްގެ އެޕިސޯޑެއް ބަލާލުމަށެވެ. 15 މިނެޓްގެ ބްރޭކެއް ނެގުމަށް ހިތުލައި 3 ގަޑީރު ހޭދަވާނީ އެސީރީޒެއް ނުވަތަ ޝޯއެއް ބެލުމުގައެވެ.

ޝޯއެއް ބެލުން ނުވަތަ ތަނެއް ސާފުކޮށްލުމަކީ އެއްބަޔަކު ބްރޭކް ނަގާގޮތަށްވީއިރު އަނެއްބައި މީހުންނަކީ ކޮންމެވެސް ކާއެއްޗެއް ކެއުމަށް ހިތްކިޔާ މީހުންނެވެ. ބަނޑުހައިނުވި ކަމުގައިވިޔަސް ކައިރީ ހުރީ ފިހާރައަކުން ކޮންމެވެސް ލުއިކާނާއެއް ގަތުމަށް ދިއުން ނުވަތަ ގޭގައި ލުއިކެއުމެއް ތައްޔާރުކޮށްގެންވެސް މަސައްކަތުން ބްރޭކެއް ނެގޭތޯ ބަލާނެއެވެ.

ބްރޭކް ނެގުމަށްފަހު މަސައްކަތަށް ރަނގަޅަށް ސަމާލުކަން ދެވޭނެ ކަމުގެ އުއްމީދުގައި ފަށާނެއެވެ. ނަމަވެސް އިރުކޮޅެއް ފަހުން އެކަނި މަސައްކަތް ކުރުމުން އޮންނަ މަޑުމައިތިރިކަމުގެ ސަބަބުން ދެން ޖަހާނީ އެންމެ ގަޔާވާ ލަވަތަކެވެ. ބައެއް މީހުން ޤަބޫލުކުރާގޮތުގައި ލަވަޔަށް އަޑުއަހައިގެން ފޮތް ކިޔުމުން އެމީހުންގެ ސަމާލުކަން އިތުރުވެއެވެ. އަނެއްބައިމީހުންނަށް ވަނީ ސަމާލުކަން ގެއްލޭ ކަމަކަށެވެ. ކޮންމެއަކަސް ލަވައިގެ ތެރެއަށް ވަދެވޭލެއް ބޮޑުކަމުން ލަވަ ކިޔަމުން ލަވައިގެ ތަންކޮޅެއް ހޯމްވޯކްގައި ނުވަތަ އެސައިމެންޓްގައި ހިމެނޭ ފަހަރުވެސް އާދެއެވެ.

އެންމެ އާންމުކަމަކަށް މަސައްކަތުގެ ވަގުތުގައި ކުރެވޭ ކަމަކީ ފޯނުގައި ގިނަވަގުތު ހޭދަކުރެވުމެވެ. އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ނޮޓިފިކޭޝަންއެއް ބަލާލުމަށް ފޯނު ނަގާ މީހާ ދެން ހުރެވެނީ ފޭސްބުކާއި އިންސްޓަގްރާމް ހޭވުމަށް ގެއްލިފައެވެ. މިފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެތައް ވަގުތެއް ބޭކާރުވެ ފޯނު އަތުން ދޫކުރެވޭއިރު އޮންނަނީ މަސައްކަތް ނިންމަން ކުޑަ ވަގުތުކޮޅެކެވެ.

ދެން އޮތީ އެންމެ ފަހު ގޮތެވެ. ސުވާލުގެ ޖަވާބުތައް ނޭނގުމުން ރަށްޓެއްސަކަށް ގުޅައިގެން އެކަންކަން ސާފުކުރުން ނުވަތަ މަސައްކަތް އެއްކޮށް ކޮޕީކުރުމެވެ. ހާއްސަކޮށް އެސައިމެންޓެއް ނުހަދާނަމަ ނުވަތަ އިމްތިޙާނަށް ދަސްކުރަން ނުފަށާނަމަ ރަހުމަތްތެރިޔާގެވެސް ހަމަ އެހާލުތޯ ބަލާލުމުން ހިތްހަމަޖެހުމެއް ލިބިގެންދެއެވެ.

އިމްތިޙާނަކަށް ދަސްކުރަންޖެހޭ ފިލާވަޅުތައް ދަސްނުކުރެވޭނަމަ ދެން ވިސްނެނީ އެރޭ ނުނިދާހުރެ ފިލާވަޅު ދަސްކުރުމަށެވެ. ނަމަވެސް ފިލަވާޅު ދަސްކުރުމުގެ މެދުތެރޭ ލޯމަރާލެވި ދެން ހޭލެވެނީ އަނެއްދުވަހު އިމްތިޙާން ހަދާ ގަޑި ކައިރިވުމުންނެވެ.

އެސައިމެންޓެއްނަމަ ފަހުވަގުތު ހަވާލުކުރާއިރު އޮންނަނީ އިންޓަނެޓްގެ ހިދުމަތް ލަސްވުމުން ވަގުތު ފާއިތުވެފައެވެ. ކޮންމެ މީހަކުވެސް ކިޔެވުން ފަށާއިރު ފަށާނީ ވަރަށް ފޮނި އުއްމީދުތަކާއެކުގައެވެ. ނަމަވެސް ފަހަށް މަސައްކަތް ބަހައްޓައިގެން ތިބުމުން އަވަސް އަރުވައިލައިގެން މަސައްކަތް ހަވާލުކުރެވެނީ ކޮންމެ ނަތީޖާއެއް ލިބުނަސް ހެޔޮކަމަށް ބަލައިގެންނެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %