ކުރިޔަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިޔާ އަޙްމަދު ރިޟްވާނަށް ވީނުވީގޮތެއް ނޭނގި ގެއްލުވައިލިތާ މިއަދު ހަ އަހަރު ފުރޭއިރު، ރިޟްވާންގެ ޢާއިލާއަށް އިންސާފު ނުލިބި އޮތްކަމީ، އެ ޢާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަމަށާއި އެ ހިތާމައިގައި އެކޮމިޝަނުން ބައިވެރިވާ ކަމަށެވެ. އެކޮމިޝަނުން ވަނީ ރިޟްވާންގެ ޢާއިލާއާއި، ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭނގި ގެއްލިފައިވާ އެހެނިހެން މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އެ ކޮމިޝަނުން ފަށާފައިވާ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

އެކޮމިޝަނުން ބުނީ ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ ބޭރުގެ މާހިރަކު ހޯދުމުގެ މަސައްކަތް ރައީސް އޮފީހާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.

މަރު ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު ޢައްޔަނުކުރެއްވުމަށް ރައީސް ސޯލިހު ނިންމަވާފައި ވަނީ، ޖުލައި މަހުގެ 02 ވަނަ ދުވަހު ރިޟްވާން އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދް ގެ ޢާއިލާތަކާއި އެމަނިކުފާނާއި ބައްދަލުކުރެއްވުމަށްފަހުއެވެ.

ރިޟްވާންގެ މައްސަލާގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ރިޟްވާން ގެއްލުވައިލުމާއި ގުޅޭ އިތުރު މަޢުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެފަދަ މަޢުލޫމާތު އެކޮމިޝަނާއި ޙިއްޞާ ކުރުމުގެ ފުރުޞަތު އަދިވެސް އޮތްކަމަށާއި އެފަދަ މައުލޫމާތު ދޭ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ވެސް އެކޮމިޝަނުން ވަނީ ދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *