ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ކެޕްޓަން ސާޖިއޯ ރާމޯސްއަށް ނުކުޅެވުމަކީ ލިބޭ ގެއްލުމެއް ކަމަށް ރެއާލް މެޑްރިޑްގެ ޑިފެންޑަރ ރަފައޭލް ވަރާން ބުނެފިއެވެ. 

ފެބްރުއަރީ މަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި 2-1 އިން ސިޓީ އަތުން ރެއާލް ބަލިވި ފުރަތަމަ ލެގުގެ މެޗުގައި ރާމޯސްއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެހެންކަމުން އޭނާއަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. 

މި މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވަރާން ބުނީ ރާމޯސްއަކީ ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި އޭނާއަށް ނުކުޅުވެނު ނަމަވެސް ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން ވެސް އެ ކުޅުންތެރިޔެއްގެ ރޯލު އަދާކުރަން ޖެހޭ ކަމަށެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ހުރިހާ ކުޅުންތެރިން ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި މިރޭގެ މެޗު މޮޅަށް ކުޅެ ކާމިޔާބުކޮށް ކުއާޓާއިން ޖާގައެއް ހޯދަން ޖެހޭ ކަމަށް ވަރާން ބުންޏެވެ.

ޒައިނުއްދީން ޒިދާންގެ ރެއާލް މެޑްރިޑުން ވަނީ އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ކާމިޔާބުކޮށްފައެވެ. ފިޒިކަލީ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާއި މިރޭގެ މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވަރާން ބުންޏެވެ. 

މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ސިޓީ އަދި މެޑްރިޑްގެ މެޗު ފަށާއިރު ހަމަ އެވަގުތު ޔުވެންޓަސް އަދި ލިޔޯންގެ މެޗު ވެސް ކުޅޭނެ އެވެ. ކުއާޓާގެ ޖާގައެއް ހޯދުމަށް މިރޭގެ މެޗު ޔުވެންޓަސްއިން ކާމިޔާބުކުރަން ޖެހެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *