ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ އަހުމަދު ސިޔާމް ހޯލްޑިންގްސްއަށް އިން ނެގި 127.5 މިލިއަން ޑޮލަރުގެ ލޯނަށް، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ސޮވްރިން ގެރެެންޓީ ދިނީ އެކަން ކުރުމަށް ވަކިން ހާއްސަ އުސޫލެއް ހަދައިގެން އޭގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސިޔާމްގެ ވިޔަފާރި ކުންފުނިން ނ. ދިގުރަށުގައި އިރުފެން ރިސޯޓް ތަރައްގީ ކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން 2017 ވަނަ އަހަރު ނެގި 127.5 މިލިއަން ޑޮލަރު(ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ)ގެ ލޯނަށް އެއިރުގެ ސަރުކާރުން ވަނީ ސޮވްރިން ގެރެންޓީ ދީފައެވެ.

މިއީ ދިވެހި ވިޔަފާރިވެރިއަކަށް ސަރުކާރުން ސޮވްރިން ގެރެންޓީ ދީގެން މިހާތަނަށް ނެގި އެންމެ ބޮޑު ލޯނެވެ.

މި ބޮޑު ލޯނަށް، 21 ޖުލައި ގެ ކުރިން ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެންސް އަދި އެހެނިހެން ފީއަށްވާ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ދައްކާފައިނުުވާތީ، 22 ޖުލައި ގައި އެގްޒިމް ބޭންކުން ވަނީ ފިނޭންސް މިނިސްޓްރީއަށް އެކަން އަންގައި، ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން އެ ފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައެވެ.

ސަރުކާރަށް މި ފައިސާ ދައްކަން އަންގާފައިވަނިކޮށް ސިޔާމްގެ ކުންފުނިން އެ ފައިސާ ހަމަޖައްސައި އެކްސްކްރޯ އެޖެންޓެއް މެދުވެރިކޮށް ޗައިނާގެ އެގްޒިމް ބޭންކަށް މިއަދު ފައިސާ ދައްކާފައިވާ ކަމަށް މިކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެއެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ މި ގެރެންޓީ ދިނުމަށްޓަކައި އުސޫލެއް ހަދާފައެވެ. އަދި ސިޔާމްގެ ކުންފުނި ފިޔަވައި އިތުރު އަމިއްލަ ފަރާތަކަށް ސޮވްރިން ގެރެންޓީއެއް ނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުގައި، މި ސަރުކާރުން ސޮވްރިން ގެރެންޓީ ދޫކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ސޮވްރިން ގެރެންޓީ ބޭނުންވާ ލޯނުތަކަށް އެކަނިއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނާ ގޮތުގައި، ދަރަނި އަދާކުރުމުގައި އަބަދުވެސް އިސްކަންދެނީ ދިވެހި ދައުލަތް ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.