ކޮވިޑް-19 އަށް ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރުމަށްފަހު ކަރަންޓީނުނުވެ ރާއްޖެތެރޭގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސިގެންދާނެ ކަމަށް ސަރުކާރުގެ ސްޕޯކްސްޕާސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ދެވަނަ ޑޯޒް ޖެހުމަށްފަހު ކަރަންޓީނުނުވެ ދަތުރުކުރެވޭނެ ކަމަށާއި ބައިނަލްއަގްވާމީ ގޮތުން ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށެވެ. އަދި ރާއްޖެ ތެރޭގައި ދަތުރުކުރެވޭނެ ގޮތް ވެސް ހެދިގެންދާނެ ކަމަށާއި އެހެން ނަމަވެސް ވަކި ތާރީހެއް އަދި ދެންނެވެން ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކަމުގެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި ކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ތިން ވެކްސިންއަކަށް ހުއްދަ ދީފައިވާއިރު ޖަހަމުންދަނީ އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން އާއި ޗައިނާގެ ސައިނޯފާމް ވެކްސިންއެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އެޕްރީލް މަހުގެ ތިންވަނަ ދުވަހު ޖަހާއިރު ސައިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކުރިއަށްގެންދާ ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން 212،000 މީހަކަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. ރާއްޖޭގައި އެންމެ ފުރަތަމައަށް ދޭން ފެށީވެސް އިންޑިއާއިން ހަދިޔާކުރި 'ކޮވިޝީލްޑް ވެކްސިން'އެވެ. މިހާތަނަށް އެ ގައުމުން ދެ ލައްކަ ޑޯޒް ހަދިޔާކޮށްފައިވާއިރު ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ކޮވިޝީލްޑްގެ 12،000 ޑޯޒް ލިބުނެވެ. އަދި ސަރުކާރުން ތިން ލައްކަ ޑޯޒް ގަނެފައިވެއެވެ. އޭގެތެރެއިން އެއް ލައްކަ ޑޯޒް ވަނީ ރާއްޖެ ގެނެސްފައެވެ.

ރޭގެ ނިޔަލަށް 235،000 އަށްވުރެ ގިނަ މީހުން ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. މެއި މަހުގެ ފަހުކޮޅަށް ދާންވާއިރަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދެވަނަ ޑޯޒް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

2
1
3
1
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ބުރޯ ހަމަނުޖެހޭ އަދި ވާހަކަދެކެވޭ ކަންކަމުގެ ވާހަކަ ވޯޓުހޯދަން ނުދެެއްކުމަށް އެދެން.

ކޮމެންޓް

Your email address will not be published.