ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް ގޮސްފިއެވެ. 

ލުބުނާންގެ ރެޑް ކްރޮސްއިން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ އިތުރުވެ ޒަޚަމްވި މީހުންގެ އަދަދު 4000 އަށްވުރެ ގިނައެވެ. ހަމައެހެންމެ 100 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް ވެސް ލުބުނާންގެ ރެޑް ކްރޮސްއިން ވަނީ ބުނެފައެވެ. 

މި ހާދިސާގެ ސަބަބުން އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ލުބުނާންގެ ސިއްޚީ ހިދުމަތްދޭ ތަންތަނަށް ވަނީ ބޮޑު ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. އެގޮތުން އެ ސިޓީގެ ތިން ހޮސްޕިޓަލަކަށް ވަނީ ހިދުމަތް ނުދެވޭ ވަރަށް ގެއްލުން ލިބިފައެވެ. ލުބުނާންގެ އަވަށްޓެރި ގައުމުތަކުން ވަނީ އެގައުމަށް ސިއްޚީ އެހީތެރިން ފޮނުވަން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ. 

އެގައުމުގެ ރައީސް މައިކެލް އައުން ވިދާޅުވެފައިވަނީ މިއީ އެމޯނިއަމް ނައިޓްރޭޓް ނުރައްކާތެރި ގޮތަކަށް ބަހައްޓާފައި ހުރި ގުދަނެއްގައި ގޮވި ގޮވުންތަކެއް ކަމަށެވެ. އެމޯނިއަމް ނައިޓްރޭޓަކީ ދަނޑުވެރިކަމަށް ބޭނުންކުރާ ފާޓިލައިޒަރއެކެވެ. އަދި ގޮވާތަކެތި ހެދުމަށް ވެސް އެމޯނިއަމް ނައިޓްރޭޓް ބޭނުންކުރެއެވެ. ބުދަ ދުވަހުގެ ވަގުތެއްގައި އެގައުމުގެ ރައީސް ވަނީ ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވައި ދެ ހަފްތާގެ މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނިންމަވާފައެވެ. ހަމައެހެންމެ ކުރިޔަށް އޮތް ތިން ދުވަހަކީ ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. 

ޕޯޓް އޮފް ބެއިރޫތުގައި ހިނގި މި ހާދިސާގައި ގިނަ އަދަދެއްގެ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ބައެއް ގެތައް ބިމާ ހަމަވެފައިވާއިރު އެ ސަރަހައްދުގެ ވަށައިގެން ހުރި ގިނަ ގެތަކެއްގެ ބިއްލޫރިތައް ތެޅި އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. 

މި ހާދިސާ ހިނގާފައި މިވަނީ ލުބުނާނުގެ އިގްތިސާދު އެގައުމުގެ ދާހިލީ ހަނގުރާމައަށްފަހު އެންމެ ބޮޑަށް އަޑިއަޅާލައިފައިވާ ދުވަސްވަރެއްގައެވެ. ޕޯޓް އޮފް ބެއިރޫތަކީ މެދުއިރުމަތީގެ އެންމެ ބޮޑު އަދި އެންމެ ބިޒީ އެއް ޕޯޓެވެ. މި ގޮވުމުގެ އަޑު ލުބުނާނާއި 150 މޭލު ދުރުން ސައިޕްރަސްއަށް ވެސް ވަނީ އިވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *