ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އިންތިހާބު ކުރުމަށް ވޯޓުލާން ފަށައިފިއެވެ. 

ލަންކާ ގަޑިން ހެނދުނު 7 ޖެހިއިރު ވޯޓުލުން ފެށިފައިވާއިރު ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް ވޯޓުލާ މަރުކަޒުތަކުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މި އިންތިހާބުގެ ވޯޓުލާން ފަށާފައި މިވަނީ ކޮވިޑް 19 ގެ ސަބަބުން ދެ ފަހަރެއްގެ މަތިން އިންތިހާބު ފަސްކުރުމަށްފަހު އެވެ. 

ވޯޓުލާ މަރުކަޒުތައް ހުޅުވުމުގެ ކުރިން މީހުން ވަނީ އެ މަރުކަޒުތައް ބޭރުގައި ކިއު ހަދާފައެވެ. ލަންކާގެ އާބާދީއަކީ 21 މިލިއަން ކަމަށްވާއިރު އޭގެތެރެއިން މި އިންތިހާބުގައި 16.23 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. ބުރާސްފަތި ދުވަހުގެ ހަވީރު ވަގުތީ ނަތީޖާތައް ލިބޭނެ ކަމަށް ބެލެވޭއިރު ހުކުރު ދުވަހުގެ ވަގުތެއްގައި ދާއިމީ ނަތީޖާ އާއްމުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ލަންކާގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނާ ގޮތުގައި މިފަހަރުގެ އިންތިހާބު ފަސޭހަކަމާއެކު މިހާރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސާގެ ޕާޓީން ކާމިޔާބު ކުރާނެއެވެ. އެގޮތުން ބޮޑުވަޒީރަކު ހޮވުމަށް ބޭނުންވާ 113 ގޮނޑި އެޕާޓީން ކާމިޔާބުކޮށް ގޯޓާބަޔަގެ ބޭބެ އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އަލުން ބޮޑުވަޒީރު ކަމަށް ގެންނާނެއެވެ. ހަމައެހެންމެ މި މެޖޯރިޓީއާއެކު ގޯޓާބަޔަގެ އިގްތިޞާދީ އެޖެންޑާ ތަންފީޒުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ވޯޓުލާ މަރުކަޒުތަކަށް މާސްކް ނާޅައި ނުވަދެވޭއިރު އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހެއެވެ. ހަމައެހެންމެ ވޯޓުލުމަށް އަމިއްލަ ގަލަމެއް ގެންނަން ޖެހޭއިރު އިލެކްޝަންސްގެ އޮފިޝަލުން ހަރަކާތްތެރިވަމުންދަނީ ފޭސް ޝީލްޑާއެކުއެވެ. މި ގައިޑްލައިންތަކަށް މީހުން އަމަލުކުރާ މިންވަރު ބެލުމަށް ލަންކާގެ ސިއްޚީ އޮފިޝަލުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މި އިންތިހާބަށް 10 ބިލިއަން ރުޕީސް ޚަރަދުވާނެއެވެ. އެހެންކަމުން މިއީ ލަންކާގެ ތާރީހުގައި ބޭއްވޭ އެންމެ އަގުބޮޑު އިންތިހާބެވެ. މިއީ ކޮވިޑް 19 ފެތުރެން ފެށި ފަހުން ދެކުނު އޭޝިއާގެ ގައުމެއްގައި އިންތިހާބެއް ބާއްވާ ފުރަތަމަ ފަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.