ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މެމްބަރު ރޮޒައިނާ އާދަމް އެވެ. ބިލަށް އާންމުގެ ސަމާލުކަންވެސް ލިބިގެންދިޔައީ، ބިލްގެ އިބްތިދާއީ ބަހުސް މަރުހަލާ ފެށި ހިސާބުންނެވެ. އެގޮތުން ބިލްގައި ހިމެނިފައިވާ ބައެއް ބަދަލުތަކެއް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ބިލްގައި ހުރި ގިނަ މާއްދާތަކުގެ ސަބަބުން ސިވިލް ސަރވިސްގައި ހުރި ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލެއް ގެނެވޭނެކަމަށް މެމްބަރުންވެސް ދެކިވަޑައިގަންނަވަ އެވެ.

އިބްތިދާއީ ބަހުސް މަރުހަލާ ނިންމާލުމަށްފަހު ދެން ބިލްގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކޮމެޓީ މަރުހަލާގަ އެވެ. އަދި އެޔަށްފަހު އާންމުގެ ހިޔާލަށް ހުޅުވާލާ، ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް އައުމާދޭތެރޭ މި ބިލަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެ އެވެ.